މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބްރިޓިޝް ހައި ކޮމިޝަނާ ގުޅިގެން “ކަރެކްޝަނަލް ލީޑަރޝިޕް ސެމިނާ” އެއް ބާއްވައިފިއެވެ.
މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރިއަށް ގެންދެވުނު މި ސެމިނާއަކީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން އެމްސީއެސްގެ ސީނިއަރ މެނޭޖްމަންޓަށް ހިންގުމަށް ހަމަޖެހިފައިވާ ތިން ލީޑަރޝިޕް ސެމިނާގެ ތެރެއިން އެންމެ ފަހު ސެމިނާއެވެ.
އެމްސީއެސް އިން މައުލޫމާތު ދެއްވިގޮތުގައި މި ސެމިނާތަކުގެ މައިގަނޑު މަޤްޞަދަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީ ކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ސެމިނާގައި 16 ސީނިއަރ ލެވެލްގެ އޮފިސަރުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ސެމިނާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ، ތަމްރީންތަކާއި ހާއްސަކޮށް ލީޑަރޝިޕް ތަމްރީންތައް ލިބުމަކީ މުހިންމު ކަމެއް ކަމަށާއި، ތަމްރީންތައް ލިބިގަތުމަށްފަހު އެންމެ މުހިންމު އެއް ކަމަކީ އެ މީހެއްގެ ކިބައިގައި ހުރި ކޮލިޓީތަކާއި އިލްމު އަމަލީ ގޮތުން ބޭނުން ކުރުން ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، މިހާރު އޮފިސަރުންނާއި މުވައްޒަފުންގެ ތެރޭގައި ތިބީ ވަރަށް ޒުވާން ބޭފުޅުންކަމަށާއި މުއައްސަސާ އަދި ގައުމު ކުރިއެރުވުމަށް ޔޫތު އެމްޕަވަރމަންޓް ވަރަށް މުހިންމު ކަމަށެވެ.
މި ސެމިނާގައި މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވީ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ. ޝޭން ބްރާޔަންސްއެވެ. އަދި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ ގޮތުގައި ޕޯލް ގާޓް، ޑޭވިޑް ވެލްސް އަދި ޓޯނީ ހެސެލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ސެމިނާއަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާގައި މަސައްކަތްކުރާ އިސް މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް، އެ ދާއިރާ ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.