މޫސުމާއިބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓް ނެރެފައިވާތީ އާއި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މައުލޫމާތު ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، އުޅަނދުގެ ސަލާމަތީ ކަންތައްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ހާއްސަކޮށް ކުދި، ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމާއެކު އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ޚާއްޞަ ސަމާލުކަން ދިނުންމަށްވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.

