ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސް އެޅި ދެ ޓެކްސީ ޑްރައިވަރެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ސަރުކާރުން ޓެކްސީ ފްލީޓެއް ތަޢާރަފުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ހުޅުމާލެ ރުށްގަނޑު އެކެއްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މަގުތައް ބްލޮކްކުރި މައްސަލައިގައި ތިން ޓެކްސީ ޑްރައިވަރަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ތިން މީހުންނަކީ މއ. ވިރާހު، މުހައްމަދު ޝާމިން (39 އަހަރު)، ލ. ދަނބިދޫ، ސަންރޭ، އަހުމަދު ޝަބީން (33 އަހަރު) އަދި ހދ. ކުމުންދޫ، ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު (36 އަހަރު) އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ޝާމިންއާއި ޝަބީންގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައެވެ. ނަމަވެސް ނުއުމާން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 22 އުޅަނދެއް ޓޯވެސްކޮށްފައެވެ.
ބައެއް ޓެކްސީ ޑްރައިވަރުން ބުނެފައިވަނީ ސަރުކާރުން ޓެކްސީ ފްލީޓެއް ތަޢާރަފުކުރުމުން ހަމައެކަނި ގެއްލުންވާނީ ޓެކްސީ ޑްރައިވަރުންނަށް އެކަނި ނޫން ކަމަށާއި، ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށްވެސް ބޮޑެތި ގެއްލުންތަކެއްވެ އަސަރުކުރާނެ ކަމަށެވެ.