ޖިސްމާނީ ގޮތުން އުފެދޭ “ލޯބީގެ ގުޅުމަކީ” ވަރަށް ވަރުގަދަ ގުޅުކެވެ. އެ ގުޅުން ދެ ފުރާނަ އެއްގެ ދެމެދުގައި ގުޅުން ގައިމު ވެއްޖެ ނަމަ ކިތަންމެ ބޮޑު ޤުރުބާނީ އެއް ވެސް ވެދާނެ ކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. އެކަމުގައި އިންސާނުންނާއި ޖަނަވާރުންގެ ނުވަތަ ދުނިޔޭގައި ލެއްވި ފުރާނަ އެޅުއްވި ކޮންމެ މަޚުލޫޤެއް ވެސް ހަމަހަމަ އެވެ.
މި ބަލާލަނީ ލޯބީގެ ޖިސްމާނީ ގުޅުމެއްގެ އެދުމުގައި ކަނޑުގައި ދިރިއުޅޭ ބޮޑު މަހެއް ކަމުގައިވާ ފިރިހެން ވޭލް އެއް އޭތީގެ ލޯބިވެރިޔާ ނުވަތަ އަންހެން ވޭލް އަކާއި ދިމާވެ ޖިމާޢު ވުމަށް ވީ ޤުރުބާނީ ދަތުރުގެ ވާހަކައަށެވެ. ވަރަށް ފަހުން ކުރި އާ ދިރާސާއަކުން ދައްކާގޮތުގައި ފިރިހެން ހަމްޕްބެކް ވޭލެއް ބައިވެރިޔާ އާއި ބަައްދަލު ކުރުމަށްޓަކައި ތިން ކަނޑު ހުރަސްކޮށް ދަތުރުކޮށްފައިވެއެވެ. ސައިންސްވެރިން ބުނާގޮތުގައި މި ބޮޑުމަހުގެ ދަތުރަކީ މި ބާވަތުގެ (މެގަޕްޓެރާ ނޮވައެންގްލިއޭ) ބޮޑުމަސް މިހާތަނަށް ދަތުރުކުރިކަމަށް ރެކޯޑުކުރެވިފައިވާ އެންމެ ދުރުމިނެވެ.
ދިރާސާވެރިން ބުނާގޮތުގައި މި ބޮޑުމަހުގެ ދަތުރު ފެށުނީ އިރުމަތީ ޕެސިފިކް ކަނޑުގައިވާ ކޮލަމްބިއާގެ އައްސޭރިފަށުން ކަމަށާއި، ނިމުނީ ދެކުނު ހުޅަނގު އިންޑިއާ ކަނޑުގައިވާ ޒަންޒިބާރުގެ އައްސޭރިފަށުގައި ކަމަށެވެ. މި ބޮޑުމަހުގެ ދަތުރުގައި މުޅި ދުނިޔޭގެ 8,106 މޭލު (13,046 ކިލޯމީޓަރު) ހުރަސްކޮށްފައިވެއެވެ. މި ދިރާސާގެ އެއް ލިޔުންތެރިއެއް ކަމަށްވާ، އޮސްޓްރޭލިއާގެ ސަދަން ކްރޮސް ޔުނިވަރސިޓީގެ ޑޮކްޓޯރަލް ދަރިވަރެއް އަދި ހެޕީވެލްގެ ޑައިރެކްޓަރ ޓެޑް ޗީސްމަން ބުނާގޮތުގައި މި ބޮޑުަމަސް ކޮލަމްބިއާގެ އިރުމަތިން ދެކުނު ކަނޑުގެ މައިގަނޑު ކަރަންޓްތައް ހުރަސްކޮށް، އެޓްލާންޓިކް ކަނޑުގައިވާ ބޮޑުމަހުގެ އާބާދިއާއި ހަމައަށް ދަތުރުކޮށްފައިވާކަމަށް ލަފާކުރެވޭ ކަމަށެވެ. ހަމްޕްބެކް ވޭލް އަކީ އާންމުކޮށް ހިޖުރަކުރާ މަހެކެވެ. އެގޮތުން ފިނި ސަރަޙައްދުތަކުގައި ދިރިއުޅުމަށްފަހު ހޫނު ސަރަޙައްދުތަކަށް މި ތަކެތި ދަތުރުކުރެއެވެ. މި ބޮޑުމަސްތައް އަހަރަކު 5,000 މޭލަށްވުރެ (8,000 ކިލޯމީޓަރު) ދިގު ދަތުރުތައް ކުރާކަން އެނގިފައިވެއެވެ.
މި އައު ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި ހަމްޕްބެކް ވޭލްތައް ހިޖުރަކުރުން ކުރިން ހީކުރެވުނު ވަރަށްވުރެ ބޮޑަށް ބަދަލުވަމުންދާ ކަމެވެ. ސައިންސްވެރިން ކުރިން މިފަދަ ހިޖުރަކުރުންތައް މަދުން ރެކޯޑުކޮށްފައިވެއެވެ. މިސާލަކަށް 1999 އާއި 2001 އާ ދެމެދު އަންހެން ހަމްޕްބެކް ވޭލްއެއް ބްރެޒިލްއިން މެޑަގަސްކަރއަށް 6,100 މޭލު (9,800 ކިލޯމީޓަރު) ދަތުރުކުރި ކަމަށް ރެކޯޑުކޮށްފައިވެއެވެ. ނަމަވެސް މި އައު ދިރާސާގައިވާ ފިރިހެން ބޮޑުމަސް އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކޮށް އައު ދުރުމިނުގެ ރެކޯޑެއް ހަދާފައިވެއެވެ.
މި ހޯދުން ބިނާވެފައިވަނީ 2013 އާއި 2022 އާ ދެމެދު ދިރާސާވެރިން ނަގާފައިވާ ފޮޓޯތަކެއްގެ މައްޗަށެވެ. މި ފޮޓޯތައް ފަހުން ހެޕީވޭލްގައި ޕޯސްޓްކޮށްފައިވެއެވެ. މި ފޮޓޯތަކުން ފެންނަނީ ފިރިހެން ބޮޑުމަސް ކޮލަމްބިއާގެ ކައިރިން ފެނުމަށްފަހު އޭގެ ފަސް އަހަރު ފަހުން ޒަންޒިބާރު ޗެނަލްއިން ފެނިފައިވާކަމެވެ. ކޮންމެ ފަހަރަކުވެސް އެ ބޮޑުމަސް ފެނިފައިވަނީ ގްރޫޕެއްގެ ތެރެއިންނެވެ. މި ބޮޑުމަހުގެ އާދަޔާ ޚިލާފު ދަތުރަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ބޮޑުމަހުގެ އާބާދީ އިތުރުވުމުގެ ސަބަބުން ކާނާ އާއި ޖިސްމާނީ އުފާ ހޯދާ ބައިވެރިން ހޯދުމުގައި ފިރިހެން ބޮޑުމަސްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވުމުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ.