ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް، ފޭސް ފިޔޯރީ 2024 ގެ ފޯރިގަދަ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ނަޑެއްލާ ވޮލީ ޓީމާއި ވާދަކޮށް ފިޔޯރީން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިމެޗު ފިޔޯރީން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ. ސެޓުތައް ގެންގޮސްފައިވަނީ 25/14، 25/14، އަދި 25/9 އެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މިރޭ އޮންނާނެއެވެ. މިމެޗު އޮންނާނީ މިރޭ 8:00 ގައެވެ.
މިއީ އަތޮޅު ކައުންސިލުން މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވަމުންދާ ފޯރިގަދަ މުބާރާތެކެވެ. މުބާރާތް ހޯސްޓު ކުރުމަށް ހުޅުވާލުމުން، ކާމިޔާބު ކުރެއްވީ ފިޔޯރީ ފޭސް ޖަމިއްޔާއިންނެވެ. މުބާރާތުގެ އެންމެހާ ކަންތައްތައް ރާވައި ހިންގައި ކުރިއަށްގެންދަނީ ފޭސް ޖަމިއްޔާއިންނެވެ. މި މުބާރާތް ވެގެންދަނީ މިހާތަނަށް ހުވަދު އަތޮޅުގައި ބޭއްވޭ މަތީ ފަންތީގެ ގިނަ ކުޅުންތެރިން ވާދަކުރާ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.
2021 ވަނަ އަހަރު ބޭއްވުނު މުބާރާތާއި އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ މުހައްމަދު އަބްދުލް ކަރީމް ( ލޯންގޭ ) އަދި އަލީ ހުޒާމް ، ނިލާމް، ޝާޑް، ރައްޒާން، އާދަމް ނަސީމް، އަބްލޯ، ފައިރޫޒް، ފަދަ މޮޅެތި ކުޅުންތެރިން އެކިއެކި ޓީމްތަކުން މި މުބާރާތުގައި ފެނިގެން ދާނެއެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ލައިވް ކުރުމަށް ނިންމާފައި ވާއިރު ފޭސް ޖަމިއްޔާގެ އޮފިޝަލް ފޭސްބުކް ޕޭޖުން މުބާރާތުގެ މެޗްތައް ލައިވް ކުރާނެއެވެ. މުބާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޕޭޖުން ލިބޭނެ ކަމަށް ފޭސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން 3 ޓީމް އަދި ފިރިހެން 3 ޓީމެވެ. އެއީ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއެވެ. 2021 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ފިޔޯރީ ވޮލީ ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ ައިނާމު ހުށައަޅާފައެވެ.
މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.