އަންނަ ހަފްތާގައި ފެށޭ ސްކޫލް ޓާމް ބަންދުގައި އިތުރު ހަރަކާތްތައް ނުބާއްވާން އެޑިއުކޭޝަން މިނިސްޓްރީ އިން އަންގައިފިއެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީ އިން މި ކަން އަންގާ ދެވަނަ ފަހަރެވެ.
އެއްވެސް ޓާމް ބަންދެއްގައި މުދައްރިސުން އަދި ދަރިވަރުން ވެސް ސްކޫލް މާހައުލަށް ނުނެރުމަށް މިނިސްޓްރީން ކުރިން ވެސް އަންގާފައިވެއެވެ. އެހެންނަމަވެސް ބައެއް ސްކޫލްތަކުން ޗުއްޓީއާ ދިމާކޮށް އިތުރު ހަރަކާތްތައް ހިންގާ ކަމުގެ ޝަކުވާ ބެލެނިވެރިން ކޮށްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ސައީދު މުހައްމަދު ވިދާޅުވީ މި އަންނަ ޗުއްޓީގައި ވެސް އެއްވެސް އިތުރު ހަރަކާތެއް ސްކޫލުގައި ދަރިވަރުން އަދި ޓީޗަރުން ބައިވެރިކޮށްގެން ބޭއްވުން މަނާވާނެ ކަމަށާއި އެފަދަ ކަމަކަށް އެއްވެސް ބަޔަކަށް ހުއްދަ ދީފައި ވެސް ނުވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެސޯސިއޭޝަންތަކުން އަމިއްލައަށް ބާއްވާ ކޭމްޕްތަކާއި އިތުރު ހަރަކާތްތައް ބޭއްވޭނެ ކަމަށާއި އެކަން ވާން ޖެހޭނީ ސްކޫލުން ބޭރުގައި އަމިއްލައަށް ބައިވެރިވެގެން ހިންގާ ހަރަކާތްތަކަށް ކަމަށެވެ.
“ރާއްޖޭގެ އެއްވެސް ސްކޫލަކަށް ނޯންނާނެ އެއްވެސް ހަރަކާތެއް ހިންގުމަށް ހުއްދަ ދީފައެއް. ސްކޫލުތަކުގައި ނުބޭއްވޭނެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވެސް ނުރާވާނެ. އަދި ސްކޫލު ނަމުގައި ވެސް ބައިވެރި ނުވެވޭނެ. އަދި ސްކޫލުތަކުގެ ޓީޗަރުންނަށް ވެސް ސްކޫލު ނަމުގައި [މި ޗުއްޓީގައި] ބައިވެރި ނުވެވޭނެ،” ސައީދު ވިދާޅުވި އެވެ.
ޓީޗަރުންނަށް މަސައްކަތުގެ ލޯޑު ކުޑަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓީޗަރުން ލައްވާ ރަސްމީ ގަޑީގެ އިތުރުން މަސައްކަތްތައް ނުކުރުވުމަށާއި ޓީޗަރުންނާއި ބެލެނިވެރިން މުއާމަލާތް ކުރަން ކްލާސްތަކުން ވަކިވަކި ވަައިބާ ގުރޫޕް ނުހެދުމަށް ވެސް ވަނީ އަންގައިފަ އެވެ.
ދެވަނަ ޓާމުގެ މިޑް ބްރޭކް ފެށޭނީ މި މަހު 22 ގަ އެވެ. ދެން ސްކޫލުތައް ހުޅުވާނީ އަންނަ މަހު 5 ގަ އެވެ.