ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ. މި އިސްލާހާއެކު، ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ކަފާލާތުގެ ދަށުން ދޫކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.
މި ބިލަކީ 2024 ޑިސެންބަރު 9 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ މިހާރު ޢަމަލުކުރަމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމެވެ.
އިސްލާހުގެ ދަށުން، ކުށް ސާބިތުވެ ޙުކުމް ކުރުމަށްފަހު އަދަބު ކަނޑައަޅާ މަރުހަލާގައާއި، އިސްތިއުނާފުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރެވޭނެ ހާލަތްތަކާއި އިޖުރާއަތުތައް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ސައިބަރ ކްރައިމްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވޭ ކުށްތައް ތަޙްޤީޤުކުރުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އިތުރު ބާރުތަކެއް ލިބިދީފައިވެއެވެ.
އަދި ސްކޭމްގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ އެކައުންޓުތައް ހިފެހެއްޓުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށްވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.
މި ޤާނޫނަށް ގެނެވުނު އިސްލާހު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޢަމަލުކުރަން ފަށާފައެވެ.