ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މައުލޫމާތު ލިބޭގޮތުގައި ސައީދު އިސްތިއުފާ ދެއްވާ އެކަން ދާދި ދެންމެ މުވައްޒިފުންނަށް ވަނީ އަންގާފަ އެވެ. އެގޮތުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާއި ހެދި ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
ސައީދު އެމްޑީ ކަމާ ހަވާލުވިތާ އަދި ވާނީ އެންމެ 4 މަހެވެ.
ސައީދު އިސްތިއުފާ ދެއްވީ ޕީއެސްއެމްގެ ބައެއް ކޮންޓެންޓްގެ މައްސަލާގައި ފާޑުކިޔުން ޕީއެސްއެމްއަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައި އެވެ. އެގޮތުން ލައިވް ފީޑެއް ގެނެސްދެމުން ދަނިކޮށް ކޮންޓްރޯލް ރޫމް ބަދަލުކުރި ދަނޑިވަޅުގައި ގުރުއާނުގެ ކަލިމައެއް އުނިވި މައްސަލައަކާއި ގެނެސްދިން ކޮންޓެންޓެއްގައި ބޭއަދަބީ މަންޒަރުތަކެއް ހިމެނުނު މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފައި އެވެ. މި ދެ މައްސަލައާއި ގުޅިގެން ޕީއެސްއެމްއިން ވަނީ މުވައްޒަފުންތަކެއް ސަސްޕެންޑުވެސް ކޮށްފައެވެ. މުވައްޒަފުންތަކެއް ސަސްޕެންޑު ކުރި މައްސަލައާއި ގުޅިގެން މުވައްޒަފުންގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފަތުރިފައި އެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ދައުލަތުގެ މީޑިއާއަށް ވަނީ ކުރިމަތިވެފައެެވެ.
ޕީއެސްއެމް އިން ވަނީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަންކަން އިންތިޒާމުކުރާނެ ކަމަށް ބުނެ ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.