2025 ވަނަ އަހަރުގެ ކޮންމެ ދުވަހެއްގައި ވެސް ކައިވެނި ކޮށްދެވޭނެ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ. މިކަން އަންގާ ކޮށްފައިވާ އިއުލާނުގައި ކައިވެނި ކޮށްދެވޭނެ ގަޑިތައް ވެސް ކަނޑައަޅާފައިވެއެވެ.
އެގޮތުން:
ރަސްމީ ދުވަސްތަކާއި ހުކުރު، ހޮނިހިރު ނޫން ބަސްދު ދުވަސްތައް:
- 09:00 އިން 11:30 އަށް
- 13:00 އިން 13:30 އަށް
- 15:00 އިން 21:30 އަށް
ހަފުތާ ބަންދު (ހުކުރު، ހޮނިހިރު):
- 15:00 އިން 21:30 އަށް (ހުކުރު)
- 10:00 އިން 21:30 އަށް (ހޮނިހިރު)
ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ވަގުތުތައް:
– ކޮންމެ ދުވަހެއްގެ ވެސް 15:00 އިން 21:30 އަށް
ފެމިލީ ކޯޓުގެ އިއުލާނުގައި ބުނެފައިވަނީ، ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯޓުގެ ވަގުތުތަކަށް ރިޢާޔަތްކޮށްފައި ކަމަށެވެ.
މީގެ އިތުރުން، 1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ކޯޓުން އިއުލާނުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން، ވޭތުވެދިޔަ އަހަރުތަކުގައި، ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދެމުން ނުދިޔަ ނަމަވެސް މި އަހަރު އެ އިންތިޒާމް ހަމަ ޖައްސާފައި ވަނީ އެކަމަށް އެދޭފަރާތްތައް އިތުރުވަމުންދާތީ ކަމަށެވެ.