ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭގޮތަށް 10 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މުވައްޒަފުން ސަސްޕެންޑް ކުރެވުނީ އިއްޔެ ހަވީރުއެވެ.
ނަމަވެސް، މި މުވައްޒަފުން ސަސްޕެންޑް ކުރެވުނު ސަބަބު މި ވަގުތު އެނގެން ނެތެވެ. އެހެންނަމަވެސް، މި ސަސްޕެންޝަން އައިސްފައިވަނީ ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަޙްޤީޤު ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ފުލުހުންގެ ފަރާތުން މިރޭ ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ހައުސިން މިނިސްޓްރީން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މިކަމާ ގުޅިގެން އެޗްޑީސީ އާއި ހައުސިން މިނިސްޓްރީއާ ދެމެދު ސިޓީތަކެއް ބަދަލުކުރެވިފައިވާކަންވެސް ފާހަގަކުރެވެއެވެ.

