މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި އެފަދަ އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫ ކަމަށާއި، ކްރިސްމަސްގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް ބައިވެރިނުވަމަށް ޚުތުބާގައި ގޮވާލައްވައިފިއެވެ.
ޣައިރު ދީނުގެ ޢީދުތައް ފާހަގަކުރުމުގައި މުސްލިމުން ބައިވެރިވުމަކީ ޙަރާމްކަމެއްކަމެއް ކަމަށްވެސް ޚުތުބާގައިވަނީ ގޮވާލާފައެވެ. އަދި އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް ކަމަށާއި، ދީނާ ޚިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ޓަކައި ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެ މީހުންގެ ޢަޤީދާއާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓައިލުމަށް މަސައްކަތް ކުރުން ވެސް ކަމަށެވެ.
ހެޔޮ ލަފާ އިސްލާމީ މުޖުތަމަޢެއް ބިނާކުރެވޭނީ އިސްލާމީ ޘަޤާފަތު ފަތުރައިގެން ކަމަށާއި، އިސްލާމީ ޢަޤީދާއާއި އަޚުލާޤުގެ މަތީގައި ޢާއިލާ ބިނާކުރެވިގެން ކަމަށެވެ. އިސްލާމީ މުޖުތަމަޢުގެ ބިންގަލަކީ ޢަޤީދާ ކަމަށާއި، ޣައިރު މުސްލިމުންގެ ޢީދުތަކާއި އެއުރެންގެ އަޤީދާއާ ގުޅިފައިވާކަންކަމުގައި ބައިވެރިވުން ޙަރާމްވުމަކީ، އެއުރެންނާ މެދު އިޙުސާންތެރިވެ ޢަދުލުވެރި ނުވާންވީ ސަބަބެއްވެސް ނޫން ކަމަށެވެ.
ޞުލްޙަވެރިކަމާއެކު އުޅޭ ޣައިރު މުސްލިމުންނަށް އިޙުސާންތެރިކޮށް ހިތައި ޢަދުލުވެރިވުމަކީ އިސްލާމްދީނުގެ ތެރެއިންވާ ކަމެއްކަމަށެވެ. އަދި އިސްލާމީ ޙަޟާރަތުގައި ޣައިރު މުސްލިމުން އުޅެމުންދިޔައީ ރައްކާތެރިކަމާއި އަމާންކަމާއެކުގައި ކަމަށާއި، ޚާއްޞަކޮށް މެހުމާނުންނަށް ކަމޭހިތުމަކީ ދީނުގެ ތެރެއިންވާކަމެއް ކަމަށެވެ.