ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް، ވިނަރެސްގެ އެޕާޓްމަންޓެއް ލިބުނުކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރަޖުނީއާ ގުޅޭ ގޮތުން ފެތުރެމުންދާ ވާހަކަތަކުގެ ހަގީގަތް ބެލުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.
އުސޫލާ ހިލާފަށް ވަގު ލިޔުންތަކެއް ހުށަހަޅައިގެން ވިނަރެސްގެ ބައެއް އެޕާޓްމަންޓްތައް ލިބުނު މީހުންގެ ލިސްޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ލިސްޓްގައި ސީލައިފް މައްސަލާފައި ފައިސާ ދެއްކިކަމުގެ ވަގު ލިޔުންތަކެއް ތައްޔާރުކޮށްގެން ވިނަރެސްގެ އެޕާޓްމަންޓްތައް ހޯދާފައިވާ މީހުންގެ މައުލޫމާތުތައް ހިމެނެއެވެ. މީގެ ތެރޭގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބުގެ ނަންވެސް ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.
ވިނަރެސް ފްލެޓްތައް އުސޫލާ ހިލާފަށް ދިން މީހުންގެ ލިސްޓްގައި އެކި ސަރުކާރުތަކަށް ނިސްބަތްވާ ސިޔާސީ ފަރާތްތައް ހިމެނޭކަން ވެސް ފާހަގަކުރެވެއެވެ. އަދި ސީލައިފް ފެލްޓްތަކަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ފްލެޓް ނުލިބުނު ބައެއް މީހުންނަށް ވިނަރެސް ފްލެޓްތަކުން އެޕާޓްމަންޓްތައް ހަމަޖައްސައިދީފައިވާކަމަށް ބުނެވެއެވެ. މީގެ އިތުރުން، ގުލީފަޅުން އެޕާޓްމަންޓްތައް ދީފައިހުރި ބައެއް ފަރާތްތަކަށްވެސް ބަދަލެއްގެ ގޮތުން ވިނަރެސްއިން އެޕާޓްމަންޓުތައް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

