ހައުސިން ޑިވައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
މި އިސްތިއުފާ ދެއްވާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި ކަމާގުޅުންހުރި ފަރާތްތަކުން ތަހުގީގުކުރަމުންދާ އަދި އެ ތަހުގީގުގެ ތެރެއިން ފަޒުލް ސަސްޕެންޑް ކުރުމާއެކު ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ދަނޑިވަޅެއްގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފަޒުލް ވަނީ އޭނާގެ އިސްތިއުފާ ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވާފައެވެ. މި ސިޓީގައި ފަޒުލް ވިދާޅުވެފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އޭނާ އައްޔަންކުރެއްވުމަށްފަހު، ކުންފުނީގެ ފަރާތުން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގެ ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށް ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށެވެ.
އިތުރަށް، ފަޒުލް ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫންކަމަށެވެ. އަދި މި ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުން އެދޭ ކަމަށާއި، އެކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނަން ނޭދޭ ކަމަށްވެސް ފަޒުލް ވިދާޅުވެފައިވެއެވެ.
ފަޒުލްގެ އިސްތިއުފާގެ މައިގަނޑު ސަބަބަކީ ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުން ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.
މި އިސްތިއުފާއާ ގުޅިގެން އެޗްޑީސީގެ އައު މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރާނެ ގޮތާއި ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

