ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާ ގުޅޭ ހާއްސަ ތަހުގީގެއް ފުލުހުންނާއި އޭސީސީން ފަށާފައިވާއިރު، އެ ސްކީމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތް ނަމަ ހުށަހެޅުމަށްޓަކައި ހާއްސަ ޕޯޓަލެއް ފުލުހުން މިރޭ ގާއިމްކޮށްފިއެވެ.
މައުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅިދާނެކަމާއި، އަދި ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުން ވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކު ވެސް ހިއްސާކުރެވިދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މީޑީއާ އަކަށް މައުލޫމާތު ދިންގޮތުގައި، އެ ތަހުގީގުގެ “އެންމެ ފުންމިނަށް ދާނަން” ކަމަށާއި ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމް ފެށީއްސުރެ މިހާތަނަށް އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަމެއް ބަލައިގަނެ، ތަހުގީގު ކުރާނެ ކަމެވެ.
“މި ދެ ސްކީމުގެ ތެރެއިން އެއްވެސް ބޭފުޅަކާ މެދު އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ކަމުގެ ޝަކުވާއެއް އޮތް ނަމަ އަޅުގަނޑުމެންނަށް މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަައި ދިނުމަކީ ވަރަށް ބޮޑު އެދުމެއް. އޭގެ ހަގީގަތަށް އަޅުގަނޑުމެން ވާސިލް ވާނަން. އަޅުގަނޑުމެންގެ ބޭނުމަކީ އެއްވެސް ނުފޫޒެއް ނެތި އެ މައްސަލަތަކާ ހަމައަށް ވާސިލް ވުން،” ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، ޕޯޓަލް އަށް ލިބޭ ޝަކުވާތަކަށް ބަލައި، އެއްވެސް މީހަކާ މެދު ޖިނާއީ ތުހުމަތުތަކެއް ކުރެވޭ ނަމަ ޖިނާއީ ތަހުގީގުގެ ތެރެއިން ބަލައި ދައުވާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެ އެވެ.
“އެއްވެސް ބޭފުޅަކާ ދޭތެރޭގައި ނާޖާއިޒު ގޮތެއްގައި ކަމެއް ކޮށްފައި އޮތީ ނުވަތަ އުސޫލުން ބޭރުން އަމަލު ކޮށްފައި އޮތީ. އެހެންވެއްޖެ ކަމަށް ވަނީ ނަމަ އަޅުގަނޑުމެން އެ ކަމެއް ބަލާނަން. އެއީ ޝައްކެއް އޮތް ކަމެއް ނޫން،” ޝުޖާއު ވިދާޅުވިއެވެ.
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޝަކުވާތައް ބަލަން ފުލުހުންނާއި އޭސީސީ އަށް ޕީޖީ އަމުރު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ ގެދޮރުވެރިޔާގެ ސްކީމްގެ ފޯމު ބަލައިގަތުމާއި ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.
އެއީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށް ވާތީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއް ކަމަށް ޕީޖީ ދެކެވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީގެ އަމުރެއް މި އައީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ގޯތީގެ ރަޖިސްޓްރީގައި ނެތި އޭނާއަށް ގޯއްޗެއްގެ ހުއްދަ ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެ، ގޯތިތަކުގެ މައްސަލަ ވަރަށް ބޮޑުވުމުންނެވެ. އެ މައްސަލައިގެ ތެރޭގައި ފަޒުލް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް، މިރޭ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއަކުން ދަންނަވައިފައެވެ. ފަޒުލްއާ އެކު، އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ހިމެނޭ ގޮތަށް 20 މީހެއްގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ.