އިންސާނާގެ ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ކޮންމެވެސް މިންވަރަކަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. އެހެންނަމަވެސް ހަށިގަނޑަށް ބޭނުންވާ މިންވަރު ހައްދު ފަހަނައަޅައި ގޮސް އެއަށްވުރެ ގިނައިން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރުމަކީ ތަފާތު ބަލިތައް ފެންމަތިވެގެން އަންނާނެ ކަމެކެވެ. އެހެންކަމުން، ތިރީގައި މި ހިމަނާލަނީ ކޮލެސްޓްރޯލް މަތިވާނަމަ ގޭގައި ކުރެވިދާނެ ލުއި ކަންތައްތަކެވެ.
ގްރީން ޓީ ބުއިން
ގްރީން ޓީގެ މައިގަނޑު މާއްދާއެއް ކަމަށްވާ ކެޓެޗިން އަކީ ލޯ ޑެންސިޓީ ލިޕޯޕްރޮޓީން ނުވަތަ ކޮލެސްޓްރޯލް ދަށްކޮށްދޭ މާއްދާއެކެވެ. މިއީ ދިވެހިންގެ ތެރޭގައި މިހާރުވެސް ވަރަށް މަގުބޫލު ބުއިމެކެވެ. 2007 ވަނަ އަހަރު ކުރި ދިރާސާއެއްގައި ދުވާލެއްގެ މައްޗަށް 6-7 ތަށި ގްރީން ޓީ ބޭނުންކުރި މީހުންގެ ލޯ ޑެންސިޓީ ލިޕޯޕްރޮޓީން ލެވެލް އަށް ވަރަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ.
ހެނދުނުގެ ނާސްތާއަށް އޯޓްސް ކެއުން
އޯޓްސް އަކީ ސޮލިއުބަލް ފައިބަރ އެކުލެވިގެންވާ އެއްޗެކެވެ. މިއީ “ނުބައި” ލޯ ޑެންސިޓީ ލިޕޯ ޕްރޮޓީން ލެވެލް ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އޯޓްސް ތަށި އިތުރަށް މީރުކުރުމަށް ބެރީސް ކޮޅެއް އެޅިދާނެއެވެ. 28 ދުވަސް ވަންދެން ދުވާލަކު ދެ އޯޓްސް ކޭކު ކެއި މީހެއްގެ އެލްޑީއެލް ކޮލެސްޓްރޯލް 8.7 ޕަސެންޓް ދަށްކޮށްފައިވެއެވެ.
ވިޓަމިން ސީ އެކުލެވޭ ކާނާތައް ކެއުން
ވިޓަމިން ސީ އަކީ އިންފްލެމޭޝަން ދަށްކުރުމަށް އެންޓި އޮކްސިޑެންޓެއްގެ ގޮތުގައި އެހީތެރިވެދޭ މާއްދާއެކެވެ. ވިޓަމިން ސީ މަދުވެގެން ދުވާލަކު 500 މިލިގުރާމް ބޭނުންކުރުމުން ކޮލެސްޓްރޯލް ލެވެލް ދަށްވެގެން ދެއެވެ.
ވިޓަމިން ސީ ހިމެނޭ ބައެއް ކާނާގެ ތެރޭގައި:
- އޮރެންޖް
- ގްރޭޕްސް
- ލުނބޯ
- ކިވީ
- ފަޅޯ
- ސްޓްރޯބެރީ
- ކެބެޖް، ކޯލީފްލާވާ، ބްރޮކޮލީ ފަދަ ކެބެޖުގެ އާއިލާއަށް ނިސްބަތްވާ ތަރުކާރީ
- ކައްޓަލަ
މޭވާ އާއި ތަރުކާރީގައި ވެސް ސޮލިއުބަލް ފައިބަރ ގިނަކަމުން ގުދުރަތީ ގޮތުން ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދެއެވެ.
ބްލޫބެރީ ކެއުން
ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބްލޫބެރީ ކެއުމުން ނާރުގެ މަސައްކަތް ވަރަށް ބޮޑަށް ރަނގަޅުކޮށްދެއެވެ. ބްލޫބެރީގައި އެންޓި އޮކްސިޑެންޓް ގިނަކަމުން އިންފްލެމޭޝަން ވެސް ކުޑަކޮށްދެއެވެ.
ކެއުމުގައި ލޮނުމެދު ބޭނުންކުރުން
2013 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ލޮނުމެދުގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ދަށްވެ، ހާއްސަކޮށް ޓޯޓަލް ކޮލެސްޓްރޯލް އަދި ޓްރައިގްލިސެރައިޑްލެވެލް ދަށްވެއެވެ. ލޮނުމެދަކީ އެންޓި ވައިރަލް، އެންޓިބެކްޓީރިއަލް އަދި އެންޓި ފަންގަލްގެ ބާވަތްތައް ވެސް އެކުލެވިގެންވާ އެއްޗެކެވެ.
އެޕަލް ސައިޑަރ ވިނެގަރ
އެއް މޭޒުމަތީ ސަމުސާ އެޕަލް ސައިޑާ ވިނެގާ ފެންފޮދަކާއެކު އެއްކޮށްލުމަށްފަހު ކެއުމުގެ ކުރިން ބޯލާށެވެ. މިއީ ކޮލެސްޓްރޯލް ރެގިއުލޭޓްކޮށް ހަޖަމުކުރުމުގެ ނިޒާމަށް ފަސޭހަ ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ރަހަ މާ ގަދަނަމަ މާމުއި ފޮދެއް އަޅާލާށެވެ. އެޕަލް ސައިޑާ ވިނެގާ ޓީ އަކީ ސިއްހަތަށް ފައިދާހުރި އެތައް މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ.
ކަސްރަތު ކުރުން
ގިނަ ބަލިތަކަށް ކަސްރަތަކީ ވަރަށް ރަނގަޅު އެއްޗެއް ނަމަވެސް ކޮލެސްޓްރޯލް އަށް ބަލާއިރު މިއީ ޖާދުލެއް ކަހަލަ އެއްޗެކެވެ.
ކްލީވްލޭންޑް ކްލިނިކުން ބުނެފައިވާ ގޮތުގައި ކަސްރަތުގެ ސަބަބުން ޓްރައިގްލިސަރައިޑްސް އަދި އެޗްޑީއެލް ދަށްކޮށްދީ، ރަނގަޅު ކޮލެސްޓްރޯލް އިތުރުކޮށްދެއެވެ.
ކޮލެސްޓްރޯލް ދަށްކުރުމަށްދޭ ބޭހުގެ ފައިދާ ވެސް އެންމެ ރަނގަޅަށް ހަށިގަނޑަށް ކުރާނީ ބޭސް ކަމުންދާއިރު ކެއުމުގައި ވެސް ފަރުވާތެރިވެގެންނެވެ.