ތުއްތުއިރުން ފެށިގެން ކުއްޖާގެ ސިއްހަތާ ގުޅުންހުރި ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭގޮތަށް “މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް” (މިހިސް) ގެ ޕަބްލިކް ޕޯޓަލް މިއަދު އިފުތިތާހުކޮށްފިއެވެ.
ސިއްހީ ވުޒާރާ އާއި ދުނިޔޭގެ ސިއްޖަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން ތަރައްގީ ކޮށްފައިވާ މި ޕޯޓަލް އިފުތިތާހު ކޮށްދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމެވެ.
މިހިސްއަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކުގައި ހިމެނޭ ހުރިހާ މަޢުއުލޫމާތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ޕޯޓަލުން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވާ ކޮންމެ ކުއްޖެއްގެ ވެކްސިން މައުލޫމާތާއި، ދެވޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މަޢުލޫމާތުގެ އިތުރުން ހެދިބޮޑުވުމުގެ ޗާޓުގެ މައުލޫމާތު ލިބެން ހުންނާނެއެވެ.
ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ކުދި އާބާދީތަކަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިއީ އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ޕްލޭން ނުވަތަ ހެލްތު އާކިޓެކްޗަރ ބްލޫ ޕްރިންޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ޕްލޭން އަންނަ އަހަރުގެ މެދުތެރޭގައި ތަންފީޒު ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ޑރ. ޕަދްމަލް ޑިސިލްވާ ވިދާޅުވީ، މިހިސްގެ ޕަބްލިކް ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް އަމިއްލަ ސިއްހަތާ ގުޅޭ މައުލޫމާތު ލިބި، އަމިއްލަ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ބާރު ލިބިގެންދާނެ ކަމަށެވެ.
ސިއްހީ ވުޒާރާއިން ވަނީ މިހިސް ޕަބްލިކް ޕޯޓަލް އިތުރަށް ތަރައްގީ ކުރުމަށް ނިންމަވާފައެވެ. އެގޮތުން، ކުރިއަށް އޮތްތަނުގައި މި ޕޯޓަލްގެ ޒަރީޢާއިން މާބަނޑު މީހުންގެ ސިއްހީ މައުލޫމާތާއި ކޮންމެ ރައްޔިތެއްގެ ސިއްހީ މައުލޫމާތު ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.