ށ ފުނަދޫ ދާއިރާގެ މަޖިލިސް މެމްބަރ މަމްދޫހު ޔޫނުސް ވިދާޅުވީ 2023 ވަނަ އަހަރު ދިވެހި ރާއްޖެ އަނދަވަޅަކާ ދިމާލަށް ދިޔަ ނަމަވެސް މުއިއްޒުއާ ވެރިކަން ހަވާލު ކުރެވުމާއެކު ހަރުުދަނާ ފިޔަވަޅުތަކެއް އަޅުއްވާ ދިވެހިރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކޮށްދެއްވާފައިވާ ކަމެވެ.
އޭނާ އިތުރަށް ވިދާޅުވީ، އޭރާއި މިހާރުގެ ތަފާތަކީ އޭރުގެ ރައީސް ރިއެކްޓް ނުކުރައްވާ ކަމެެވެ. އެހެންނަމަވެސް މިހާރުގެ ރައީސް ކަންކަމަށް ރިއެކްޓް ކުރައްވާ ބޮއްސުންލާފަ ހުރި ކަންކަން ރަނގަޅުކޮށް، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށް ރާއްޖެ މެނިފެސްޓޯ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަމުންދާކަމެވެ.
މީގެ އިތުރުން، ސަރުކާރަކުން އެއްވެސް އިރެއްގައި ރައްޔިތުންގެ ހައްގުގައި ކުރަން ނުކެރުނު މުހިންމު ކަންތައްތައް ނިންމަވާ އަމަލީ ގޮތުން ތަންފީޒު ކުރާ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު މަމްދޫހު ސިފަކުރައްވާފައިވެއެވެ.
ބިދޭސީންގެ މައްސަލަ އަށް އެކި ސަބަބުތަކާ ހެދި ކުރީގެ ސަރުކާރުތަކުން ގާނުނު ތަންފީޒު ނުކުރެވުނަސް، މި ސަރުކާރުގައި ބިދޭސީންގެ މައްސަލަ ފޫބެއްދުމަށް އަމަލީ ގޮތުން ހައްލު ގެނެވޭކަން މަމްދޫހު ވިދާޅުވިއެވެ. ހަމައެއާއެކު، ޑޮލަރުގެ މައްސަލަ އަކީ އެއްވެސް އިރެއްގައި ވެރިންނަށް ކުރަން ނުކެރުނު އެހެންނަމަވެސް ޑރ. މުއިއްޒުގެ ވެރިކަމުގައި ގާނުނެއް ފާސްކުރައްވާ، އެ ގާނުނާ އެއްގޮތަށް ކަންކަން ތަންފީޒު ކުރުމާއެކު ހައްލުވެގެން ދިޔަ މައްސަލައެއް ކަން ވެސް ހާމަކުރެއްވިއެވެ.
އަދި 2025 ގެ ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު އަދަދެއް ޕްރޮޖެކްޓްތައް ހިންގުމަށް ކަނޑައެޅުނު ބަޖެޓް ކަމަށްވާއިރު މި ބަޖެޓަކީ ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް އަދި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގުމަށް އެންމެ ބޮޑު އަދަދެއް ކަނޑައެޅިފައި އޮތް ބަޖެޓު ކަމަށް އޭނާ މައުލޫމާތު ދިނެވެ.
މިފަހަކަށް އައިސް ފެންމަތިވެފައިވާ ގެދޮރުވެރިޔާގެ ވައްކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ ފްލެޓް ލިސްޓްގެ ތެރެއަށް އެއްވެސް ސިޔާސީ ނުފޫޒެއް އައިސްފައި ނޯންނާނެކަމާއި ހައްގުވެރި ފަރާތްތަކަށް ފްލެޓްތައް ލިބިގެންދާނެކަމެވެ.