ސަރުކާރުން އަންދާޒާކުރި ގޮތަށް މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ.
މި އުފާވެރި ވަގުތު ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިއާގެ އަންހެނެކެވެ. އޭނާ މިއަދު ހެނދުނު ގަތަރު އެއަރވޭޒްގެ ފްލައިޓަކުން ރާއްޖެ ޒިޔާރަތްކުރި އިރު އެކުގައި، އޭނާގެ ފިރިމީހާއާއި ދެ ދަރިންވެސް ރާއްޖެ އައެވެ.
މި ޚާއްޞަ ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އިތުރުން އެމްއެމްޕީއާރުސީ، ކަސްޓަމްސް، އެމްއޭސީއެލް އަދި އިމިގްރޭޝަންގެ އިސްވެރިން ވަޑައިގެންނެވިއެވެ. މި ފަތުރުވެރި އާއިލާއަށް ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ހިލޭ ޗުއްޓީއެއް ހަދިޔާ ކުރެވުނެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.8 މިލިއަނެވެ. މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާއިރު، މިހާރު އެ އަމާޒަށް ވާސިލުވެފައިވާކަން މި ޚަބަރުން އެނގެއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ރާއްޖެއިން މިއަހަރަށް ކަނޑައެޅި އަމާޒު ޙާސިލުކޮށްފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރެކޯޑުތަކުން ދައްކާގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހަކީ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެކެވެ. ފެބްރުއަރީމަހު ވަނީ 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 3 ޤައުމަކީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.