ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރުކުރި ލަންކާ 5 މީހުންގެ ބަންދަށް 30 ދުވަސް ކޯޓުން އިތުރުކޮށްފިއެވެ.
މިއީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހައިކަންހާއިރު މަކުނުދޫ ބޭރުން އަތުލައިގެންފައިވާ “އަށެންފުތަ” ނަމަކަށް ކިޔާ މަސްބޯޓެކެވެ.
އެމްއެންޑީއެފުން ބޯޓު އަތުލައިގަނެ ފާސްކުރި އިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހދ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އެ އެންމެންގެ ބަންދަށް މިދިޔަ މަހު 26 ވަނަ ދުވަހު ވަނީ 30 ދުވަސް ދީފައެވެ.
އެ މުއްދަތު މިއަދަށް ހަމަވުމުން އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް އިތުރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުރަތަމަ މަރުހަލާގައި ހެދި ޓެސްޓްތަކުން އެއީ 344 ކިލޯގެ މެތު ކަމާއި އަދި 124.6 ކިލޯގެ ކޮކެއިން ކަން ވަނީ ދެނެގަނެވިފައެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއިން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.
މަސްތުވާތަކެތިގެ މައްސަލަ އަކީ މިފަހަކަށް އައިސް ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. މި މައްސަލަ އަށް އިތުރު ފިޔަވަޅު އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

