ގެދޮރުވެރިކަމާއި ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސާފުކުރުމަށް ހާއްސަ ފޯނު ނަމްބަރުތަކެއް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ތައާރަފްކޮށްފިއެވެ.
މީގެ ފަހުން ގެދޮރުވެރިކަމާއި ބެހޭ މަޝްރޫއުތައް ކުރިއަށްދާނީ އެ ވުޒާރާއިން ކަމާއި ގެދޮރުވެރިކަމާބެހޭ މަސައްކަތްތައް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެގޮތުން ގެދޮރުވެރިކަމާބެހޭ އެއްވެސް މަސައްކަތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭނަމަ، އެވުޒާރާގެ ރަސްމީ ނަންބަރުތައް ކަމުގައިވާ، 4004900 އަދި 4004901 ނަމްބަރު މެދުވެރިކޮށް ހޯއްދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ގެދޮރުވެރިކަމާބެހޭ މަސައްކަތްތައް އިމާރާތްކުރުމާބެހޭ ވުޒާރާގެ ދަށަށް ބަދަލުވީނަމަވެސް، އެ މަސައްކަތްތައް އަދި ހިދުމަތަކަށް ބަދަލު ނާންނާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް މުހިންމު ބަދަލުތަކެއް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރައްވައިފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރައްވާފައެވެ.