ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލަށް ޔަހޫދީ ދައުލަތުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޔަހޫދީ ދައުލަތުގެ ފައުޖުން ކަމާލް އަދްވާން ހޮސްޕިޓަލުގައި ހުޅުޖަހާ އަންދާލައި، ބަލިމީހުންނާއި މުވައްޒަފުން އެތަނުން ނެރުމަށް މަޖުބޫރުކުރުވި ޢަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
ސަރުކާރުގެ ބަޔާނުގައި މި ޢަމަލު ސިފަކޮށްފައިވަނީ ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހައްޤުތަކާބެހޭ ޤާނޫނާ މުޅިން ޚިލާފު، ނުރައްކާތެރި ޢަމަލެއްގެ ގޮތުގައެވެ. އަދި މިއީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ އަނިޔާވެރި، ޢުދުވާނީ ހަމަލާތަކުގެ އިތުރު ލާއިންސާނީ ހަމަލާއެއްކަމަށް ފާހަގަކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ ޞިއްޙީ ޚިދުމަތްދޭ މުހިންމު މަރުކަޒުތަކަށް މިފަދައިން ހަމަލާ ދިނުމަކީ ހަނގުރާމައިގެ މައިދާނުގައި ކުށެއްކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައަޅާފައިވާކަން ހަނދާންކޮށްދެއްވާފައެވެ. އަދި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތްކޮށް، ޖަރީމާތަކަށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، އަދި ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް، ގޮވާލާފައިވެއެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށެވެ.

