އާ އަހަރުގެ ފެށުން ކުލަގަދަ ހަރަކާތްތަކާއެކު ފާހަނގަކުރަން އެމްއެމްޕީއާރްސީން ނިންމައިފިއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދަނީ “މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް” ނަމުގައި މި މަހުގެ 31 އަދި ޖެނުއަރީ އެއް ވަނަ ދުވަހުގައެވެ.
ފެސްޓިވަލްގެ ތެރެއިން ދިވެހި ސަގާފީ ފުޑް ފެސްޓިވަލަކާއި 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތަކުގެ އިތުރުން އާ އަހަރުގެ ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނީ ޑްރޯން ފެސްޓިވަލް ކުރިއަށް ދާނީ ޑިސެންބަރު 31 ވަނަ ދުވަހުގެ ރޭ 09:00 ގައި ކަމަށާއި ހަވާ އަރުވާނީ އެ ރޭ 12 ޖަހާއިރު ކަމަށެވެ.
އަދި، ފުޑް ފެސްޓިވަލް 31 ވަނަ ދުވަހުގެ ރޭ އާއި ޖެނުއަރީ އެއް ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރުން ފެށިގެން ރޭގަނޑު 10 އަކަށް ކުރިއަށް ދާނެއެވެ.
މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.