ކުރިއަށް އޮތް އަހަރު ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާކަން އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.
އެގޮތުން، އެކި ޤައުމުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގައި ބައިވެރިވުމަށް ކުރާ ޚަރަދުކުޑަކޮށް، ޑިޖިޓަލް ކެމްޕެއިންތައް އަންނަ އަހަރު އިތުރު ކުރާނެކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ އިން ބުނެފައިވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ތަނުގެ ވަސީލަތްތަކުގެ %80 އިންސައްތަ ބޭނުންކުރެވެނީ ޓްރެވެލް ޓްރޭޑް ފެއަރތަކަށްވީ ނަމަވެސް އަންނަ އަހަރު ބޮޑަށް އިސްކަން ދޭނީ ޑިޖިޓަލީ ޑްރިވެން ކެމްޕެއިންތަކަށާއި އެޑްވަޓައިޒިން ވައިރަލް ކެމްޕެއިންސްއާއި، ބީ ޓު ސީ ނެޓްވޯކިން އިވެންޓްސް އިންޓަނޭޝަނަލް އެއަރލައިންތަކާއި ބްރޭންޑްސް ތަކާއި ކޮލާބޮރޭޓް ވެގެން ކަމަށް އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އަބްދުﷲ ޤިޔާސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން އިތުރަށް ވިދާޅުވީ، ވަރަށް ފަހުން ކުރިއަށް ގެންދިޔަ އޮންލައިން ކެމްޕޭނެއްގެ ތެރެއިން 22 މިލިއަން އިމްޕްރެޝަން އެއްމަސް ދުވަހުގެ ތެރޭގައި ލިބިގެންދިޔަކަމަށެވެ. އެހެންކަމުން، މުސްތަގުބަލުގައި ވެސް މިފަދަ ކާމިޔާބީތަކަށް އެދޭތީ މީސްމިޑިއާގެ އެކި މަންސަތަކާއި ގުޅިގެން ކެމްޕެއިންތައް ކުރިއަށް ގެންދަން ރޭވިފައިވާކަމަށެވެ.
ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) މެދުވެރިކޮށް ރާއްޖެ ފެންނަ މީހުންގެ ތެރެއިން ރާއްޖެއަށް ޒިޔާރާތްކުރަނީ އެންމެ %2 މީހުން ކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ.
ޤިޔާސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޑިޖިޓަލް ކެމްޕެއިންތަކަށް އިސްކަން ދިނުމުގެ ސަބަބުން އެމްއެމްޕީއާރްސީން ފެއަރތަކަށް ކުރާ ޚަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށެވެ.
“އަޅުގަނޑުމެން ހައިލައިޓްކޮށްލަން ބޭނުންވޭ، ޑަބްލިއުޓީއެމްއާއި އާއި އެހެނިހެން ހުރިހާ ފެއަރތަކަށްވެސް އަޅުގަނޑުމެން ކުރާ ޚަރަދުކުޑަކޮށްފައިވާކަން. ޑަބްލިއުޓީއެމްއަށް އެކަނި ބަލާލިކަމުގައިވިއަސް އަޅުގަނޑުމެން ވަނީ 3.5 މިލިއަން ރުފިޔާ ސަލާމަތްކޮށްފައި. މިއަންނަ އަހަރަށް ބަލާއިރު، %50 ޓްރޭޑް ޝޯތަކަށް ދާ ޚަރަދުތައް ދެނީ އެކި އެންޖީއޯތަކުން. އޭގެ ތެރޭގައި ގެސްޓްހައުސް އެސޯސިއޭޝަން، މަޓާޓޯ، މަޓީ އަދި ލިވަބޯޑު އެސޯސިއޭޝަނާއި ގުޅިގެން އަޅުގަނޑުމެން މި ބަލަނީ” ޤިޔާސް ވިދާޅުވިއެވެ.
މިއަންނަ އަހަރު ފަތުވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ 5 ބިލިއަން ޑޮލަރަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.