ރޭގެ ބަޔާ ގުޅޭ…
ދަންނާށެވެ! ހަޤީޤީ އުފާވެރިކަމަކީ އާޚިރަތުގެ އުފާވެރިކަމެވެ. އެއީ ކޮންމެފަދަ ގޮތެއް ދުނިޔޭގައިވީ ކަމުގައި ވިޔަސް މެއެވެ. ބަދަލުތައް ދެވޭ ދުވަހުގައި ދުނިޔޭގައި އެންމެ ގިނަ އިމްތިޙާންތަކާ ކުރިމަތިވި މީހާ ﷲ ގެންނަވާނެއެވެ. އަދި އޭނާ (ކުޑަ ހިނދުކޮޅަކަށް) ސުވަރުގެއަށް ވެއްދޭނެއެވެ. ދެން އޭނާއާ ސުވާލު ކުރެވޭނެއެވެ. “ތިބާ ދުވަހަކުވެސް ހިތާމަވެރިކަމެއް ދުށިންތޯއެވެ؟ (އިޙްސާސްކުރިންތޯއެވެ؟) އެ މީހާ ޖަވާބުގައި ބުނާނެއެވެ. “ނޫނެކެވެ. ދުވަހަކުވެސް ނުދެކެވެ.”
ﷲ މި ދެއްވާ އުފަލާއި ހިތްހަމަޖެހުންވަނީ ހަމައެކަނި އާޚިރަތުގައިކަމަށް ހީނުކުރާށެވެ. އެއުފަލާއި ހިތްހަމަޖެހުންވަނީ މިދިރިއުޅުމާވެސް ވަރަށް ބޮޑަށް ގުޅިފައެވެ. ވިސްނުންތެރިކަމާއެކު ﷲ ގެ މިބަސްފުޅާމެދު ފިކުރުކޮށްލަބަލާށެވެ.
﴿مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [النخل ٩٧]
މާނައީ: “މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންއިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެބައިމީހުން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެބައިމީހުންނަށް، ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ.”
އޭ އުޚުތާއެވެ! ތިބާވެސް އަދި އެހެން މީހުންވެސް ނަރަކައަށް ވަންނަން ޖެހިދާނެކަން ތިބާ ވިސްނަން ޖެހޭނެއެވެ. ﷲ ގަންދީ ބުނަމެވެ. އަހަރަމެން ފާޠިމާ ރަޟިޔަﷲ ޢަންހާއަށް ވުރެ ވަކި ރަނގަޅު ވެގެން ނުވެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދަރިކަނބަލުންނެވެ. އެކަލޭގެފާނު އެކަމަނާ އާ މުޚާތަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ.
އޭ ފާޠިމާއެވެ. ތިމަންކަލޭފާނުގެ މުދަލުން ތިބާ ބޭނުންވާ އެއްޗަކަށް އެދޭށެވެ. ﷲ ގެ ޙަޟްރަތުގައި ތިމަންކަލޭގެފާނަށް، ކަމަނާއަށް އެއްވެސް އެއްޗަކުން ފައިދާކޮށެއް ނުދެވޭނެވެ.”
އެބަހީ: ކަމަނާއަކީ ތިމަންކަލޭގެފާނުގެ ދަރިކަނބަލުންކަމުގައި ވިޔަސް، ކަމަނާވެސް ސުވަރުގެ ހޯދަން މަސައްކަތް ނުކުރާ ކަމުގައި ވަނީނަމަ، ﷲ ހަޟްރަތުގައި ކަމަނާ، ތިމަންކަމަނާގެ ބައްޕައަކީ މިވެނި އެވެނި މީހެކޭ ބުނެގެން ފައިދާ އެއް ނުކުރާނެއެވެ.”
އިސްލާމީ ތާރީޚުވަނީ ﷲ އަށް ތަޤުވާވެރިވި އެތައް މުއުމިން އަންހެނުންގެ ވާހަކަތަކުން ފުރިފައެވެ. ތިބާގެ ވަށައިގެންވާ އެހެން ކުދީން ކާފިރު ލަވަކިޔުންތެރިންނާއި، ކުޅުންތެރިންނާއި، ފިލްމު ކުޅުންތެރިންގެ ޕޯސްޓަރުތައް ހިއްޕާއިރު، ތިބާ ތިބާގެ ހިތުގައި ފާޠިމާ ރަޟިޔަﷲ ޢަންހާއާ އެފަދަ އެހެނިހެން ބޭކަނބަލުންގެ ވާހަކަތައް ބިންވަޅު ނަގާށެވެ.
އެގޮތުން އެފަދަ އެއްބޭކަނބަލަކީ ޖައްބާރު ފިރުޢައުންގެ އަނބިކަނބަލުން އާސިޔާއެވެ. އެކަމަނާ ﷲ އަށް އީމާންވީ، ތިމަންނާއީ ތިޔަބައިމީހުންގެ އެންމެ މަތިވެރި ކަލާނގެއޭ ބުނި މީހެއްގެ ހިޔާވަހިކަމުގައި ވީހިނދުގައެވެ. ފިރިޢައުނަށް އޭނާގެ އަނބިކަނބަލުންގެ އީމާންކަމުގެ ޚަބަރު ލިބުމުން އެކަމަނާއަށް ވަރަށް އަނިޔާ ކުރިއެވެ. އަދި އެކަމާނާގެ ހަށިކޮޅުގައި ތަޅަން އޭނާގެ ސިފައިންނަށް އަމުރު ކުރިއެވެ. އަދި އެބައިމީހުން އެކަމަނާ ރަތްދަކައަތްވަށް ނެރުނެވެ. އަދި ދެއަތާއި ދެފައި ބަނދެ އަނިޔާ ކުރިއެވެ. އެކަމާނާ އެވަޤުތު އެހީތެރިކަމަށް އެދުނީ ކޮންފަރާތަކުންކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އެކަމަނާ އެހީތެރިކަމަށް އެދުނީ ﷲ ގެ ހަޟުރަތުންނެވެ. އެކަމަނާ ދުޢާ ކުރެއްވިއެވެ.
“އަޅުގެ ވެރިރައްބެވެ! ތިމަންއަޅާއަށް އިބައިލާހުގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުޢައުނާއި އޭނާގެ (ނުބައި) ޢަމަލުތަކުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!” [سورة التحريم 11]
އަދި ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ މިފަދައިން ދުޢާ ކުރެއްވުމުން، އެކަމަނާއަށް އުޑު ހުޅުވުނެވެ. އަދި އެކަމަނާއަށްޓަކައި ސުވަރުގޭގައިވާ ގަނޑުވަރު ދައްކާލެވުނެވެ. އެހިނދު އެކަމަނާ ހިނިތުންވިއެވެ. ބާރަށް ތަޅަމުން ދިޔައިރުވެސް އެކަމަނާ ހިނިތުންވުމާއެކު ތަޅަމުންދިޔަ ސިފައިން ވަރަށް ޢަޖައިބުވިއެވެ. އެހެނީ އެކަމަނާއަށް އަނިޔާކުރަމުން ދާއިރު އެކަމަނާ ހިނިތުންވެފައި ވުމުންނެވެ. ފިރުޢައުނު އެންގިއެވެ. ބޮޑު ހިލައެއް ގެނެސް އާސިޔާގެ މައްޗަށް ވައްޓާ ޗިސްކޮށްލާށެވެ. އެހެންނަމަވެސް އެހިލަ ގެނައުމުގެ ކުރިން ﷲ އެކަމަނާގެ ފުރާނަ އުފުއްލަވައިފިއެވެ. އަދި އެކަމަނާ ވެގެން ދިޔައީ މުއުމިން ފިރިހެނުންނާއި އަންހެނުންނަށްވާ ލާމަސީލް ނަމޫނާއަކަށެވެ. ތާރީޚުގައި އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިދުނިޔެ ނިމުމާ ހަމައަށެވެ.
( ނުނިމޭ / ބާކީ ބައި މާދަމާރޭ ފަތިސްވުމުގެ ކުރިން)
(މިއީ ދި ސަލަފިއްޔާގައި އައްޝައިޚް ޢަލީ ނިޝާމް ލިޔުއްވާފައިވާ ލިޔުމެއް)