މުސްލިމުންގެ ބޮޑު ދުޝްމަނު، ފަލަސްތީނުގެ ޣައްޒާގައި ލޭއޮހޮރުވާ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޕްރޮސްޓޭޓް ސާޖަރީއަކަށް ފަހު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު ހުރީ ރައްކާތެރިކަމާއެކުމިސައިލް ހަމަލާތަށް އެހިސާބަށް ނުފޯރާހާ އަޑީގައި ހުރި ބިންގަރާހުގައި ކަމަށް ރިޕޯޓުތަައް ބުނެފިއެވެ.
އާދީއްތަ ދުވަހު ޕްރޮސްޓޭޓް ސާޖަރީއަކަށް ފަހު ރަނގަޅު ވަމުންދާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާއިރު، 75 އަހަރުގެ ނަތަންޔާހޫގެ މައްޗަށް ކުރިއަށްދާ ކޮރަޕްޝަންގެ މައްސަލައާ ގުޅޭގޮތުންވެސް ދަނީ ސުވާލު އުފެދެމުންނެވެ.
ޖެރޫސަލަމްގެ ހަދަސާ މެޑިކަލް ސެންޓަރުގެ ޔޫރޮލޮޖީ ޑިޕާޓްމަންޓުގެ އިސްވެރިޔާ ޑރ. އޯފަރ ގޮފްރިޓް ވިދާޅުވީ ސާޖަރީ ކާމިޔާބުކަމާއެކު ނިމި، ނުރައްކާތެރި އެހެން ބައްޔެއްގެ ބިރެއް ނެތްކަމަށެވެ. ނަތަންޔާހޫގެ އޮފީހުން ބުނީ ސާޖަރީއަށްފަހު އޭނާ ވަނީ ފުރިހަމައަށް ހޭލާފައި ކަމަށާއި، މިސައިލް ހަމަލާތަކުން ރައްކާތެރިކުރެވިފައިވާ ބިމުގެ އަޑީގައި ހަދާފައިވާ ތަނެއްގައި އޭނާ ފަރުވާއަށް ހުރިކަމަށެވެ.
ސާޖަރީގެ ވަގުތު އަދާކުރަމުން އައި ބޮޑުވަޒީރުގެ މަޤާމު ވަގުތީގޮތުން ހަވާލުކުރެވުނީ ޖަސްޓިސް މިނިސްޓރު ޔަރީވް ލެވިން އާއެވެ. އަދި ދުވަސްކޮޅަކަށް ހޮސްޕިޓަލުން ނަތަންޔާހޫގެ ހާލު ޗެކްކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށް ވެއެވެ.