ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށްޓަކައި އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާއެކު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރާވަމުންދިޔަ ކަމަށް ވޮޝންގްޓަން ޕޯސްޓުން ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.
މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމާއެކު، އިންޑިއާގެ ރޯ އެޖެންޓުންނާއި ރާއްޖޭގެ އިދިކޮޅު ލީޑަރުންނާއެކު ދެކެވެން ފެށީ ރައިސް މުއިއްޒު ވެރިކަމުން ދުރުކުރުމުގެ ވާހަކަތަކެވެ.
މިޕްލޭންގައި “ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް” ނަމުގައި ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި އޮތީ، ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރާށެވެ.
އަދި މި ކަރުދާހުގެ ކޮޕީއެއް ވޮޝިންގްޓަން ޕޯސްޓައް ލިބިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މީގެ އިތުރުން މި ކަރުދާހުގައި, ވެރިކަން ވައްޓާލުމަށްޓަކައި ދިވެހި ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުންތަކަކާއި ރާއްޖޭގެ ބާރުގަދަ 3 ގޭންގަކަށް ފައިސާ ދޭން ވެސް ލިޔެފައި އޮތެވެ.
މި ޕްލޭނަށް 92.5 މިލިއަން ރުފިޔާ ޚަރަދު ވެގެން ދާނެ ކަމަށް ކަނޑައަޅައި، މި ފައިސާ އިންޑިއާ އިން ހޯދުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި ޕްލޭނުގެ މަސައްކަތް ނުފެށި އޮތީ މުއިއްޒު ވެރިކަމުން ވަކިކުރުމަށްޓަކައި ބޭނުންވާ ވަރަށް މެމްބަރުން ނުލިބުމުން ކަމަށް އެ ނޫހުން މައުލޫމާތު ދިނެވެ.
ވޮޝިންގޓަންގައި ހުރި އިންޑިއާގެ އެމްބަސީގެ އިސް ރޯ އިންޓެލިޖެންސް އޮފިސަރަކު، ދިވެހިރާއްޖޭގައި ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ހުރި، އިންޑިއާގެ ދެ ސިޔާސީ ލީޑަރުންނާއެކު ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމުގެ ޕްލޭނެއް އެކުލަވާލުމަށް މަސައްކަތްކުރިއެވެ. އެގޮތުން އެތަނުން އެކަކީ ޝިރީޝް ތޯރަޓްއެވެ. އޭނާއަކީ ކުރީގެ އިންޑިއާ ފުލުހުންގެ އޮފިސަރެކެވެ. އަދި އަމިއްލަ ސިފައިންގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ހަމައެހެންމެ މުޙައްމަދު ނަޝީދު ވެރިކަމުގައި އިސްލާމީ ހަރުކަށި ފިކުރު ހުއްޓުވުމަށް ލަފާދިން މީހެކެވެ.
ވޮޝިންގޓަން ޕޯސްޓުން ބުނެފައިވާ ގޮތުން، އެ ނޫހުން ގުޅުމުން، ތޯރަޓާއި ރޮޑްރިގަސް ވަނީ ރައީސް މުޢިއްޒު ވައްޓާލުމުގެ ޕްލޭންތަކެއް އޮތްކަން ކަށަވަރުކޮށްދީފައެވެ.
މި މަޢުލޫމާތުތަކާ ގުޅޭގޮތުން ދަ ވޮޝިންގޓަން ޕޯސްޓުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން މަޢުޟޫއާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރަން އިންކާރުކުރި އިރު، ރައީސް މުޢިއްޒުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހީމް ޚަލީލްވެސް ކޮމެންޓް ކުރަން އިންކާރުކުރި ކަމަށް އެ ނޫހުގައި ވެއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލިހުގައި އޮތީ އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށް ވާއިރު، އެ މަނިކުފާނުގެ ވެރިކަން މަޖިލިހުގެ ތެރެއިން ބަދަލުކުރަން އުޅޭ ކަމަށް ބުނެ ޕީއެންސީގެ ބައެއް އިސް މެމްބަރުންނާއި ސަރުކާރުގެ ބައެއް ވެރިން ވެސް އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފައި ވެ އެވެ.