ފޭސްބުކް ސްކްރޯލް ކޮށްލިތަނާ ފެނުނީ ޕޯސްޓެކެވެ. ތިނަދޫ އަބޫބަކުރު ސުކޫލުގެ ޕްރިންސިޕަލް އަޖީބުގެ ސްޓޭޓަސް އެކެވެ. ތަސްވީރުގައި ހިނިތުންވެފައި ތިބީ އަޖީބާއި އޭނާގެ މަންމައެވެ. ލިޔެފައި އޮތް ޅެންބައިތާއި ތަސްވީރު އެކުވެގެން ކިޔައިދިން ވާހަކަ ތަފުސީލުކޮށް ލިޔެލާ ހިތް ވެއްޖެއެވެ. އަޖީބުގެ ހުއްދައަކަށް އެދުމުން މަޑުކޮށްދޭށޭ ބުނުއްވާފައި އިރުކޮޅަކުން އަޅުގަނޑަށް އެ މަންމަގެ ހުރިހާ ވާހަކަތަކެއް ކިޔައި ދެއްވިއެވެ. އެއީ ޢިބްރަތާއި އަސަރުން ފުރިގެންވީ ވާހަކަތަކެކެވެ.
އިންސާނާގެ ދިރިއުޅުމުގައި އެންމެ މަތިވެރި މަޤާމެއް ދެވިފައިވަނީ މައިންނަށެވެ. މައިންގެ ލޯބީގެ ފުންމިނާއި، އެ ކަނބަލުން ދަރިންނަށްޓަކައި ވެލައްވާ ޤުރުބާނީއަކީ އެއްވެސް މިންވަރަކަށް އަގު ކުރެވޭނެ އެއްޗެއް ނޫނެވެ. މަންމަގެ ޤުރުބާނީގެ އަގު ވަޒަންކުރާ އަދި އެ މަންމައަށްޓަކައި އަބަދުމެ ފަޚުރުވެރިވާ މާތް ސިފަތަކުގެ ވެރި އެއްގެ މަންމަގެ ވާހަކަ ކިޔައިދޭނަމެވެ.
ފާތުމަގެ ފުރާވަރުން ޒުވާންކަމަށް – ފުރަތަމަ 2 ކައިވެންޏާއި އަލަތު 3 ދަރިން
މިއީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ، މިހާރުގެ ނަމަ ތިނަދޫސިޓީއަށް އުފަން މުރާލި ކަނބަލެއްގެ ވާހަކައެވެ. އަބޫބަކުރު ސުކޫލުގެ ޕްރިންސިޕަލް އަޖީބުފަދަ ގާބިލު، ކާމިޔާބު ފިރިހެން ދަރިއެއްގެ މަންމަގެ ތަޢާރަފެއް ބޭނުންވާނެ ހެން ހިއެއްނުވެއެވެ. އަޖީބުގެ އުޅުމާއި އަޚުލާގު، އާދަތަކާއި ގުޅުންތަކުން އޭނާގެ ތަރުބިއްޔަތުގެ މައި އިދާރާގެ ސިފަތައް ސާފުވެ ހާމަވެއެވެ. ޢަޖީބުގެ މަންމަގެ (ގދ ތިނަދޫ، ޕޭލް، ފާތިމަތު، އާންމު ނަމުންނަމަ ފާތުމާ) ޢުމުރުން 95 އަހަރުވީއިރު ގާބިލު ދަރިންނާއި މާމަ ދަރިން އެބަތިއްބެވެ. ފާތުމާއަކީ ތިނަދޫގައި މިވަގުތު ތިއްބެވި އެންމެ ދޮށީ މީހުންގެ ތެރެއިން އެކެކެވެ. އަޅުގަނޑުގެ މިލިޔުމުގައި ފާތުމަގެ ނަމުގެ ބަދަލުގައި ގިނަ ތަންތަނުގައި މަންމަ ލިޔެފައި އޮތުމުން އޮޅުންވެ ހައިރާން ނުވާށެވެ. ސަބަބަކީ މިވާހަކަ ކިޔައިދިން ފިރިހެން ދަރިފުޅު މަންމައާ ބެހޭ ގޮތުން ކިޔައިދެމުން ދިޔައިރު، ‘މަންމަ’ މިބަސް ކިޔާ ކޮންމެ ފަހަރަކު މަންމައަށްޓަކައި ހިތުގައި އޮތް ގަދަރާއި ލޯބި، ހާމަވެ އިހުސާސް ކުރެވުނީތީ އެވެ. ޢަޖީބު ފިޔަވައި އެހެން ކުދިންވެސް މަންމަގެ ވާހަކަ، މާމަގެ ވާހަކަ ކިޔައިދިންއިރު ފާހަގަވީ ކަމަކީ، އެއީ އެކުދިންގެ ހަމައެކަނި މަންމަ ނުވަތަ މާމަ ނޫންކަމެވެ. އެކަމަކު އެހުރިހާ ކުދިންގެވެސް ރޯލްމޮޑެލް އަކީ “މަންމަ” ކަމެވެ.

މަންމަގެ ކުދިން މަންމައާ އެކު ޕިކްނިކް ދަތުރެއްގައި ފުރަނީ/ފޮޓޯ:އަޖީބް
އަޖީބު ކިޔައިދިނީ، ޅަފުރާއިން ފެށިގެން މިއަދާހަމައަށް އޭނާގެ މަންމަގެ ހަޔާތުގެ ބޮޑެތި ސަފުޙާތަކުގައި ލިޔެ ލައްޕާލެވިފައިވާ “މަންމަ”ގެ ވާހަކަތަކެއެވެ.
އަޖީބުގެ މަންމަ ކުރެއްވީ ޖުމްލަ 3 ކައިވެންޏެވެ. ފުރަތަމަ ކައިވެނި ކުރިއިރު ފާތުމަގެ ޢުމުރުން 14 ވަރަކަށް އަހަރެވެ. ނަމަވެސް، އެ ކައިވެންޏަށް ދަރިއަކު ނުލިބި ފުވައްމުލަކުގައި ދުވަސްކޮޅަކު ދިރިއުޅުމަށްފަހު ވަކިވެގެން، އެނބުރި ތިނަދޫއަށް ބަދަލުވިއެވެ.
ތިނަދޫއަށް ބަދަލުވުމަށްފަހު، މަންމަ ކައިވެނި ކުރީ ތިނަދޫ މީހެއް ކަމުގައިވާ ޙަސަން ޔޫސުފް އާއެވެ. މި ކައިވެންޏަށް 3 އަންހެން ކުދިން ލިބިފައި ވެއެވެ. އެއީ، ޚަދީޖާ ޙަސަން (އެންމެ ދޮށި)، އާމިނަތު ޙަސަން (ދެ ވަނަ)، އަދި ޢާއިޝަތު ޙަސަން (ތިން ވަނަ) އެވެ. ޙަސަން ޔޫސުފާއެކު އުފާވެރި، ސާދާ ދިރިއުޅުމެއްގައި އުޅެމުން ދަނިކޮށް އައްޑޫ ހުވަދޫ ބަޣާވާތުގެ ތެރޭގައި، ފިރިކަލުން ޙަސަން ޔޫސުފް އައްޑުއަށް ގޮސް ހުއްޓައި، އެތަނުގައި ތާށިވީއެވެ. އެނބުރި ތިނަދޫއަށް އާދެވޭ ގޮތްނުވީއެވެ. އައްޑޫގައި ތާށިވެ، ރަށަށް ނާދެވި ގިނަ ދުވަސްވާތީ ޙަސަން ޔޫސުފަށް މަޖުބޫރުވީ 3 ކުދިންގެ މަންމައާ ވަކިވާށެވެ.
ފާތުމަ އޭނާގެ 3 ކުދިން ގޮވައިގެން ދިރިއުޅުމުގެ އަޑިގުޑަނުން ސަލާމަތްވުމަށް އަތުކުރި އޮޅާލިތަނާ 1962 ވަނަ އަހަރު ހަވަރު ތިނަދޫން މީހުން ބާލައި، ހަވަރު ތިނަދޫ ފަޅު ރަށެއް ކަމުގައި ދިވެހި ސަރުކާރުން އިޢުލާނު ކުރިއެވެ. އޭރު ފާތުމަގެ އެންމެ ދޮށީ ދަރިފުޅު ޚަދީޖާ ޙަސަން އިނީ ޚަދީޖާ ޙަސަންގެ ބައްޕައާއެކު އައްޑު އަތޮޅު ފޭދޫގައެވެ.
ފާތުމަ، އޮޅިމުއްޓާ ގައި – ކުދިންކޮޅު ގޮވައިގެން ތަދުމަޑުކަމުގައި ކުރި ހިތްވަރު
ހަވަރު ތިނަދޫން މީހުން ބޭލުމުން ފާތުމަ އޭނާގެ، ކުޑަކުޑަ 2 ކުދިންނާއެކު (އާމިނަތު ޙަސަން، ޢައިޝަތު ޙަސަން) ކައިރީގައި އޮތް ގދ. ހޯޑެއްދޫއަށް ބަދަލުވިއެވެ. އެކަމަކު އެރަށުގެ ހާލަތުވެސް އޭރު ހުރީ ދަތި އުނދަގޫ ގޮތަކަށެވެ.

މަންމަގެ 6 ކުދިންގެ ތެރެއިން 5 ކުދިން. އާއިލީ ގުޅުން ހަރުދަނާ ކުރުމަށް ބޭއްވި ހަވީރު ސައިފޮދަކަށް ފަހު/ ފޮޓޯ:އަޖީބް
ތިނަދޫގެ ގިނަ ބަޔަކު ހޯޑެއްދުއަށް ދިރިއުޅުން ބަދަލު ކުރުމާ ގުޅިގެން، ކާންބޯން ލިބުން ދަތިވެ، ކުރިމަތިވީ ވަރަށް ބޮޑު ތަދުމަޑު ކަމެކެވެ. މި ދަތި ދުވަސްވަރު، ފާތުމާގެ އަތުގައި ރައްކާކޮށްފައި އޮތްހުރި ހަމައެކަނި ގަހަނާކޮޅު ކަމަށްވާ ރަން ފަށާއި، އަނގޮޓި ފަދަ ތަކެތިވެސް ކުޑަކުޑަ ކާ އެތިކޮޅަކަށް ވިއްކާލީއެވެ. މައިމީހާގެ ޒީނަތަކީ އޭނާގެ ދަރިންނެވެ. މައެއްގެ ލަގޮނޑިއަށް ދަރިންގެ ބަނޑުހައިހޫނުކަން އިޙްސާސްކުރާކަށް ކެތެއް ނުވާނެތާއެވެ. ފާތުމައަށްވެސް ވީ އެގޮތެވެ. ދެ ދަރިން ހޭހަންކޮށް ބަލައި ބޮޑުކުރުމުގެ މަތިވެރި ގުރުބާނީ ވަމުންދިޔައީ، ގިނަ އިރުއިރު އަމިއްލަ އަރުތެރެއަށް ކާ އެއްޗެއް ނުލައި ހުއްޓަސް ދަރިންނަށް ކާން ދީގެންނެވެ.
ފާތުމާގެ މަންމަގެ ފަރާތު ބޮޑު ބޭބެ، ހޯޑެއްދޫ ކައިރީގައި ހުރި ފަޅު ރަށްތަކެއް ބަލަހައްޓައި، ރުއްއެރުމުގެ މަސައްކަތް ކުރަމުންދާތީ، އެތަނުން އެއް ފަޅުރަށަކަށް (އޮޅިމުއްޓާ) ފާތުމައާއި ދެ ކުޑަކުދިން ގެންދިޔައެވެ. އެ ފަޅު ރަށުގައި ތިބީ ހަމައެކަނި މަންމައާއި މަންމަގެ ކުޑަ ދެ ކުދިންނެވެ. އެންމެ ހަނގު ޢާއިޝަތު ޙަސަންގެ ޢުމުރަކީ ގާތްގަޑަކަށް 3 އަހަރެވެ.
ފާތުމާގެ ބޮޑުބޭބެމެން ތިބީ ފަޅުތެރެއިން ހިނގާފައި ދެވޭ ހިސާބުގައި އޮތް ފަޅު ރަށެއްގައެވެ. ކޮންމެ ދުވަހަކު ފާތުމާގެ 3 މައިންގެ ކެއުމަށް ހަކުރު ލާއްސަކާއި ބަނބުކޭލެއް ބައެއް ދުވަހު (ވަނދު ބަނބުކޭލެއް) މަންމަމެން ތިބި އޮޅިމުއްޓާއަށް ބޮޑުބޭބެ ފޮނުވައެވެ. މިއީ، އެ ދުވަސްވަރުގެ ޙާލަތަށް ބަލާއިރު ބޮޑުބޭބެ ކޮށްދިން ވަރަށް ބޮޑު ހެޔޮ ކަމެއް ކަމުގައި ފާތުމަ ބަލައިގަތީ ޝުކުރުވެރި ކަމާއެކުގައެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް، ބައެއް ދުވަސް ދުވަހު ބޮޑުބޭބެއަށް ކާ އެއްޗެއް ނުފޮނުއްވޭ ތަންވެސް އާދެއެވެ.
މިފަދަ ދުވަހެއްގައި، ފާތުމަގެ ފުރާނަފަދަ ދެކުދިން ބަނޑުހައިވެގެން ރޯ ރުއިމަށް ކެތް ނުކުރެވިގެން ބޮޑުބޭބެމެން ދިރިއުޅެމުންދިޔަ ފަޅު ރަށަށް، ބޮޑު ދިޔައިގައި ކަރުތާފެނަށް، މޫދަށް ފައިބައިގެން ހިނގާފައި ދިޔައެވެ. ބާރު އޮއިދެމޭ ދެރަށް ދޭތެރެއަށް ކަރުތާފެނަށް އެރިގެން، ހިނގާފައި ފާތުމަ ދިޔައީ، ހަގުމަންޖެ ކޮނޑަށް ލައިގެން އަނެއް ދަރިފުޅު ކިހިލި ޖަހައިގެންނެވެ.
މި ދަތުރުގައި މޫދުން ބޮޑެތި ވެނާއި އެފަދަ ބިރުގަންނަ ޒާތުގެ އެތައް އެއްޗަކާ ދިމާވިއެވެ. އެއަށްވުރެ ހިތްދަތިވީކަމަކީ، އުރުގައި އިން ދަރިފުޅުގެ ކަނޑިކިގަނޑު އޮޔާ ދިޔުމެވެ. އެއީ އެމަންޖެ އަތުގައި އޮތް ހަމައެކަނި ކަނޑިކި ގަނޑެވެ. އެހެން ނަމަވެސް، މި ހުރިހައި ތަކުލީފުތައްވެސް ފާތުމާގެ ދަރިންނަށްޓަކައި އޮތް ލޯބީގެ ކުރިމަތީގައި އެއްވެސް ކަމަކަށް ނުވިއެވެ. ހިތްވަރު ކޮށްފައި ބޮޑުބޭބެމެން ތިބި ރަށަށް އަރައި، ބޮޑުބޭގެ ފޮށައިން ދަރިފުޅުގެ އޮރިޔާން ނިވައި ކޮށްގެން އެ ދެކުދިންގެ އަރުތެރަށް ކާއެތިކޮޅެއް ފޯރުކޮށްދިނެވެ.

މަންމަގެ ދޮށީ ފިރިހެން ދަރިފުޅު އަޖީބް އާއި އަނބިކަނބަލުން އަޒީމާ އަދި މާމަ ދަރިފުޅު ރަޝީދު/ފޮޓޯ:އަޖީބް
އެއަށްފަހު ދިޔަވަރު ހިކުމުން އެނބުރި މަންމަމެން ތިބި ފަޅުރަށަށް ދިޔަ ވަގުތު، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު، ދަރިފުޅު އަތުން ދޫވެގެންދިޔަ ކަނޑިކިގަނޑު ފަޅުތެރޭގައި އޮތް ގަލެއްގައި އަޅައިގަނެފައި އޮއްވައި ފެނިގެން ނަގައި، ގިނަ ދުވަސްތަކެއް ވަންދެން، އެ ކަނޑިކިގަނޑުން ދަރިފުޅުގެ އޮރިޔާން ނިވައިކޮށްދީގެން އުޅުނެވެ. މިއީ މަންމަގެ ޙަޔާތުގައި އައި ހިތްދަތި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.
މަންމަގެ ކައިވެނި – ނަސީބާއެކު އެނބުރި ތިނަދޫއަށް
މި ގިލަނވެރިކަމުގައި 4 ވަރަކަށް އަހަރު ވޭތިކުރުމަށްފަހު އަނެއްކާވެސް ފާތުމަ އެނބުރި ހޯޑެއްދޫއަށް ދިރިއުޅުން ބަދަލުކުރިއެވެ.
“ހޯޑެއްދޫގައި އުޅެމުން ދަނިކޮށް އަޅުގަނޑުގެ ބައްޕަ (ޢަބްދުﷲ ޔޫސުފް) އާ ދިމާވީ. އެ ރަށުގައި ކައިވެނި ކުރެއްވީވެސް، އަދި އެ ރަށުގައި މަންމަގެ 4 ވަނަ ދަރިފުޅު (ބައްޕަގެ ފުރަތަމަ ދަރިފުޅު) އާމިނަތު ޢާރިފާ ލިބުނީ.”
ތިނަދޫއަކީ ފަޅުރަށެއްގެ ގޮތުގައި އޮތް އޮތުން ދިވެހި ސަރުކާރުން ނިމުމަކަށް ގެނެސް ހަވަރު ތިނަދޫގައި ދިރިއުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލުމުން މަންމައާއި ބައްޕަ، 3 ކުދިންނާއެކު ތިނަދޫއަށް ބަދަލުވީއެވެ. ހަފްތާއެއްހާ ދުވަސްވަންދެން (ޖިފުޓިގަނޑެއް ޖެހެންދެން) ތިނަދޫގައި ފާތުމައާއި ޢާއިލާ ތިބީ ދެތިންގަނޑު ޓިނުން ނިވައިވެގެންނެވެ.
ގޯތީގެ އިން ވަކިކޮށް، އެތާގައި ހެދިފައި ހުރި ބިޔަ ރުއްގަސް ކަނޑައި، ވިނަ ނޮޅައި ސާފުކޮށް، ބިންގަނޑު އެއްވަރުކުރުމުގެ ބުރަ މަސައްކަތް ކާމިޔާބުވީ ރެއާއި ދުވާލު ނުނިދައި ތިބެގެންނެވެ. މަންމައާއި ބައްޕަ ހިތްވަރުން ކުޑަވަރެއްގެ ގެއެއް އަޅުއްވައި، ދިރިއުޅުމުގެ އައު ބާބެއް ހުޅުވައި އެބާބުގެ ސަފްހާތަކުގައި މުޅިން އައު އުއްމީދުތަކެއްގެ ވާހަކައެއް ލިޔަން ފެށިއެވެ.
ތިނަދޫއަށް އަލުން އެރިތާ ދެ އަހަރު ފަހުން، އިތުރު ދަރިއަކު (ޢަޖީބް) ލިބިއްޖެއެވެ. އަދި އޭގެ 3 އަހަރު ފަހުން މުޙައްމަދު ނާޝިދު އުފަންވެ މަންމައަށް ޖުމްލަ 6 ކުދިން ލިބުނީއެވެ. މި ދަރިން ބަލައި ބޮޑުކޮށް ތަޢުލީމް ފޯރު ކޮށްދެއްވުމަށް މަންމަ ކުރެއްވި މަސައްކަތްތަކަކީ ދުލަކުން ޤަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެން މާ ބުރަ މަސައްކަތްތަކެކެވެ.
މަންމަގެ ގިލަންވެރިކަމުން ފުރިފައިވި ހަޔާތް – ދަރިންނަށްޓަކައި ހިނިތުންވެ، ވަމުން ދިޔަ ޤުރުބާނީ
ތިން ވަނަ ކައިވެންޏަށް 3 ކުދިން ލިބި، އެ ކުދިންގެ ޅަފަތުގައި، ހަވަރު ތިނަދޫގައި ހިނގައިދިޔަ ސިޔާސީ މައްސަލައެއްގައި، ބައްޕަ ރ. އުނގުލަށް އަރުވައިލެވުނެވެ.
“އެ ދުވަސްވަރު އަޅުގަނޑުމެންގެ ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި، ގދ. ކާޑެއްދޫގައި މަންމަ އޮޅު ހައްދައިގެން، ރަތްދަކަ އަވީގައި އޮޅުން އަލަ ކަނޑައި، އޮޅުއަލަ ބަސްތާ ބޮލަށް ލައިގެން މޭލަކަށްވުރެ ދުރަށް ހިނގާފައި، އެކި ބޮއްކޮރާދޮށަށް ގޮސް އާދޭސްކޮށްގެން އަޅުގަނޑުމެންނަށް އަލަ ގެނެސްދޭނެ،” އަޖީބުގެ މަންމައަށް ހައްގު ތައުރީފުގެ ބަހެއް ހޯދަން ރަދީފު އެފުށްމިފުށަށް ޖެހިދާނެއެވެ. އެކަމަކު މަންމަގެ ލޯބި ބަޔާންކުރުމަށް ހައްގުވާފަދަ ބަހެއް ނުފެންނާނެއެވެ. މަންމައިންނަށްޓަކައި މި މަންމައަކީ، ނަމޫނާއެކެވެ.

މަންމަގެ ބައެއް ކުދިން އާއިލީ ގުޅުމުގެ ސައިފޮދަކަށް ފަހު / ފޮޓޯ:އަޖީބް
“މަންމަގެ މި ބުރަ މަސައްކަތުން ގެނެސްފައި ހުރި އަލަކޮޅު އެއް ރެއަކު ގެއަށް ވަގަކު ވަދެ ގެންދިޔައެވެ. ޖެހިގެން އައި ދުވަހު، އަޅުގަނޑުމެންނަށް ދޭނެ ކާނެ އެއްޗެއް ނެތުމުން މަންމަގެ ލޮލުން ފޫދުން ކުލުނައިގެ ކަރުނަ ފެނުނު. އަދި އެދުވަހު ގޭގައި ހުރި ބޮޑު ހިރުނދު ގަސް ބައިއަނާކޮށް ލިބުނު 50 ރުފިޔާއިން ކާބޯތަކެތި ގަނެގެން އަޅުގަނޑުމެން ލޮއްސި ހަނދާން ހަމަ އިއްޔެ ވީ ކަމެއްހެން ހަނދާނުގައި އެބަހުރި. އަދި އެ ތަދުމަޑުކަމުގައި ގޭގައި ހުރި ކުކުޅުހައު ވިއްކައިގެން އާމްދަނީ ހޯދައިގެންވެސް އަޅުގަނޑުމެންގެ ޙާޖަތްތައް ފުއްދައި ދެއްވުމަށް މަންމަ ކުރެއްވި މަސައްކަތް ހަނދާން ހުރޭ،” އަޖީބުގެ އަޑުގައި ހުރީ މަންމައަށްޓަކައި ލޯތްބާއި ގަދަރުން ފުރިގެންވީ އަސަރެކެވެ.
“އަޅުގަނޑުމެންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދެއްވުމުގައި މަންމަ ގިނަ ޤުރުބާނީތަކެއް ވެލެއްވިއެވެ. މަންމައާއި ބައްޕަގެ މިންނެތް މަސައްކަތުން އަޅުގަނޑުމެން 3 ބެއިންނާއި މަންމަގެ ބައެއް މާމަ ދަރިންނަށް އޭރު ތިނަދޫން ލިބެންހުރި ތަޢުލީމް އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދެއްވުމަށް އެތަކެއް ޤުރުބާނީއެއް ވެލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ދައްތަ (އާމިނަތު ޢާރިފާ) މުޅި ސްކޫލުގެ ބެސްޓް އޯލްރައުންޑަރގެ މަޤާމް ޙާޞިލުކުރި. އަދި އެއީ މިހާރުވެސް، ބަސްމޮށުންތެރިކަމަށް ކުޅަދާނަ، އަތުލިޔުމަށާއި ލިޔުންތެރިކަމަށް ތިނަދޫން ފާހަގަ ކޮށްލެވޭ ފަރާތެއް.”
އަޖީބުގެ ކޮއްކޮ (މުޙައްމަދު ނާޝިދު) އަކީ ތިނަދޫގައި މިވަގުތު ހުރި އެންމެ ފަންވެރި އެންމެ ހުނަރުވެރި އެއް މަސައްކަތްތެރިޔާއެވެ. ރޭނުމާއި، ވަޑާންކުރުމާއި، މުށިޖެހުމާއި، އަތްކަން ކުރުމުގެ އިތުރުން އިންޖީނު މަރާމާތުކުރުމާއި، އަމިއްލަ މެޝިނަރީ އުފެއްދުމާއި ފައިބަރު ދޯނިފަހަރު ބަނުމާއި އިލެކްޓްރިކް އަދި އިލެކްޓްރޯނިކް މަސައްކަތުގެ އިތުރުން ލިޔެލާޖެހުމާއި ފަރުމަސްވެރިކަމަށް ކުޅަދާނަ ފައްލަވެރިއެކެވެ.
މަންމަގެ މާމަ ދަރިންގެ ތެރޭގައި ތަފާތު އެކި ރޮނގުތަކުން ޤައުމަށް ޚިދުމަތްކުރާ، ޢިލްމީ، ޤާބިލު އެތަކެއް ދަރިން މިހާރު ތިބިކަން އަޖީބު ފާހަގަކުރިއެވެ. އޭގެތެރޭގައި، ޑޮކްޓަރުންނާއި ނަރުހުން، ޕައިލެޓުންނާއި އިންޖިނޭރުން، ޕްރިންސިޕަލުންނާއި ޓީޗަރުން، ރިސޯޓް މެނޭޖަރުންނާއި ޕްރޮފެޝަނަލް ފޮޓޯގްރާފަރުން ތިބިކަން ފާހަގަކުރިއެވެ.

މަންމަގެ ދަނބި ދަރިފުޅު އަޒީމާ އަދި 3 މާމަ ދަރިން/ފޮޓޯ:އަޖީބް
މަންމަ ބުރަމަސައްކަތުން ދަރިންނާއި މާމަދަރިންގެ ދުނިޔެ އާރާސްތު ކޮށްދިން
މަހުންމަހަށް މަދަރުސާއަށް ދޭނެ ފީގެ ގޮތުގައި ކޮންމެ މަހަކު ތުނޑުކުނަލެއް މަންމަ އަމިއްލައަށް ވިޔެގެން “މަދަރުސަތުލް ހުދާ”އަށް ދެއެވެ. ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން 2 ކުނާ (ދެކުދިންގެ ސްކޫލު ފީ) މަންމައަށް ކޮންމެ މަހަކު ވިޔެވެނީ އަޅުގަނޑުމެން ކުދިންގެ އެހީތެރިކަމާވެސް އެކުގައެވެ.
މަންމައަކީ ކުނާ ވިޔުމަށް ތިނަދޫން މަޝްހޫރު ކަނބަލެކެވެ. އަމިއްލައަށް ހައި ކަނޑުއްވައިގެން ހައިގައި ކުލަޖައްސަވައި ކުނާ ވިޔުއްވުމަކީ މަންމަގެ އާދަޔާ ޚިލާފު މޮޅު ހުނަރެކެވެ. މިހާރު ރާއްޖެއަށް މަޝްހޫރު ތުނޑުކުނާ (ގައްދޫ ކުނާ) ވަރަށް ފަރިތަކަމާއެކު މަންމަ ވިޔެއެވެ.
މީގެ އިތުރުން މަންމައަކީ ވަރަށް މީރުކޮށް ކައްކަން ދެނެލައްވާ ކަނބަލެކެވެ. މިގޮތުން، އޮޅު އަލަ، ބަނބުކެޔޮ ފަދަ ތަކެތިން ‘ލަޑޯ’ ހެދެމާއި ފުރައްދެ އަލައިން އަލަ މެޓާ ހެދުމާއި، ހިލި ބޭހާއި ތަފާތު ގިނަ ބާވަތްތަކުގެ ހެދިކާ، ކަރުހަކުރު ފާހަގަކޮށްލެވެއެވެ.
ފާތުމައަކީ ތިނަދޫގައި ކުރިޔަށް ގެންދާ އިޖުތިމާޢީ ޙަރަކާތްތަކުގައި އިސްކޮށް އުޅޭ ފަރާތެކެވެ. ތަފާތު ޢީދުތަކުގައި އަވަށު ފޯރީގައި ޢީދު ކުޅިވަރު ކުޅުމާއި، ތަރައްޤީގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެއެވެ.

މަންމަގެ ބައެއް ކުދިންނާއި ބައެއް މާމަ ކުދިން އަދި ބައެއް މުނިމާމަ ކުދިން ޕިކްނިކްގައި/ ފޮޓޯ:ޢަޖީބް
ރައީސް މައުމޫން ތިނަދޫއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ރަތްދޫލައިގެ ބަދަލުގައި ތިނަދޫ ރައްޔިތުން ތައްޔާރުކުރި ދިގު ކުނަލުގެ އެއް މޭސްތިރިއަކީ ފާތުމައެވެ. އަދި އެމް.އަވަށުން ވިއުނު 100 ފޫޓުގެ ކުނާ ވިޔުމުގެ ޢަމަލީ މަސައްކަތް، އެންމެ އިސްކޮށް ހުރެ ކުރީވެސް ފާތުމައެވެ. ފާތުމަގެ މި ނަމޫނާއިން ހިތްވަރު ލިބި އެފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓޭތޯ ފާތުމަގެ ހުރިހައި ކުދިންވެސް މަސައްކަތް ކުރެއެވެ.
މަންމައަށްޓަކައި ހުރިހާ ދަރިންނާއި މާމަދަރިންވެސް ފަޚުރުވެރިވޭ – އިންތިހާއަށް ލޯބިވޭ!
އަޖީބުގެ މަންމައާބެހޭ ގޮތުން ލިޔަން ހިންގި ގަލަމުން ލިޔަން ބޭނުންވީ ހަމައެކަނި އަޖީބުގެ މަންމަގެ ނަޒަރަކުން ނޫނެވެ. އަޖީބުގެ އިތުރުން އެ ޢާއިލާގެ ކުދިބޮޑު އެންމެންވެސް ތިބީ މަންމަގެ، ނުވަތަ މާމަގެ ކޮންމެވެސް ވާހަކައެއް ކިޔައިދޭހިތުން ކެތް މަދުވެފައެވެ. އެހެންކަމުން މިވަރުގެ ލިޔުމެއްގައި މަންމައަށްޓަކައި ދަރިންނާއި މާމަދަރިންގެ ބަހެއް ނުހިމަނައި ނިންމާލައިފިނަމަ މި ލިޔުން ފުރިހަމައެއް ނުވާނެކަން ޔަގީނެވެ!
އާމިނަތު ޢާރިފާ (ދަރިފުޅު)
“މަންމައަކީ އަޅުގަނޑުގެ ޙަޔާތުގެ މައިބަދަ. އަޅުގަނޑުގެ ދިރިއުޅުމުގައި ދިމާވި އެތައްހުރަސްތަކާއި، ދަތިއުނދަގޫ ދުވަސްތައް ތަޙައްމަލް ކުރުމުގެ އެންމެބޮޑު އެހީތެރިޔާ. އަޅުގަނޑުގެ ޢުމުރުން 15 އަހަރުންފެށިގެން ސަރުކާރުގެ ވަޒީފާ އަދާކުރުމުގައި ހޭދަވި 35 އަހަރުގެ ދިގުމުއްދަތުގައި އަޅުގަނޑުގެ 4 ދަރިންގެ ގޭތެރޭގެ ހުރިހާ ޒިންމާއެއް ވަރުބަލިކަމެއް، ފޫހިކަމެއްނެތި ނެންގެވީ އަޅުގަނޑުގެ ލޮބުވެތި މަންމަކަން ފާހަގަކުރަނީ ޝުކުރާއި ތަޢުރީފުން ފުރިފައިވާ ހިތަކާއެކު. އަޅުގަނޑާއި، އަޅުގަނޑުގެ އެކަނިވެރި ދަރިންނަށްޓަކައި މަންމަ ވެލެއްވި ޤުރުބާނީ ސިފަކޮށްދިނުމަކީ ދުލާއި، ގަލަމުން ކުރެވޭނެ ކަމެއްނޫން. މަންމަ އަޅުގަނޑު ސިފަކުރަނީ މުޅިދުނިޔޭގައިވާ އެންމެ ހިތްވަރުގަދަ، އަދި ހުރިހާގޮތަކުން 1 ވަނަ މަންމަގެ ގޮތުގައި.”
މާމަ ދަރިފުޅު ލަޠީފް އަޙްމަދު (ރެސްޓޯރެންޓް އޯނަރެއް)
“ކުޑައިރުގައި މާމައާއެކީގައި އުޅުމުގެ ފުރުޞަތު ލިބުނު. މާމައަކީ ރަނގަޅު ތަރުބިއްޔަތެއް ދެއްވި، އޯގާތެރި މާމައެއް. މާމަގެ 6 ކުދިންނާއި، މާމަދަރިންނާއި، މުނިމާމަދަރިންގެ މެދުގައި އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް. ޢާއިލާގެ އެކަކަށް ދިމާވާ ކޮންމެކަމެއްގައި އެންމެން އެކަތިގަނޑަކަށްވެ، އެކަމެއް ޙައްލުކުރާކަން އުފަލާއެކު ފާހަގަކުރަން. މާމަދެކެ ވަރަށްލޯބިވޭ.”
މާމަ ދަރިފުޅު ޑރ. އަޙްމަދު ޢާޒިމް (ކަށީގެ ޚާއްޞަ ޑޮކްޓަރ)
“މާމައަކީ އަޅުގަނޑުގެ ދެވަނަ މަންމަ. އަޅުގަނޑު. އަޅުގަނޑުގެ “ބޮޑެއަންމަ”. މަންމަ އަޅުގަނޑުމެން ކުޑައިރު ވަޒީފާގެގޮތުން އޮފީހުގައި ބުރަކޮށް އުޅެންޖެހުމުން އަޅުގަނޑުމެންނާ ދުރުގައި ހޭދަކުރި ވަގުތުތަކުގައި ފުރިހަމަ އަޅާލުމާއި، ލޯބި ދެއްވި ފަރާތަކީ މާމަ. މިދުނިޔެއިންވެސް އަޅުގަނޑުގެ ނަޒަރުގައި އެންމެ ހިތްވަރުގަދަ އަދި އެންމެ އޯގާތެރި ފަރާތަކީ އަޅުގަނޑުގެ މާމަ. މާމައަކީ ހަމަ ޙަގީގަތުގައިވެސް އަޅުގަނޑުގެ ހީރޯ.”

ތިން މުނިމާމަ ދަރިން މާމަގެ ގޭގައި/ފޮޓޯ:އަޖީބް
މާމަ ދަރިފުޅު ޖަމްޝިދާ ޢަބްދުﷲ (ޕްރިންސިޕަލެއް)
“މާމައަކީ މާމަދަރިންނަށްޓަކައި އެތަކެއް ޤުރުބާނީއެއް ވެފައިވާ ނަމޫނާ މާމައެއް. ހިތްހަމަނުޖެހި ހުރިތަނެއް ދުވަހަކުވެސް ނުދެކެން. އަބަދުވެސް ފެންނަނީ ހިނިތުންވެފައި ހުންނަތަން. ކުދިންނާ ބައްދަލުވުމުން އެހީނލާ ހީނލުން ހިތުން ފިލައިގެން ނުދާނެ.”
މާމަ ދަރިފުޅު ކެޕްޓަން އަޙްމަދު މިންހާލު ޢަޖީބް
“މުންނަގެ އޯގާތެރިކަމާއި އަޅާލުން އަޅުގަނޑަށް ލިބެމުން ދިޔައީ އަޅުގަނޑު މި ދުނިޔެއަށް އުފަންވުމުގެ ކުރިން ފެށިގެން. އަޅުގަނޑު އުފަންވާ ވަގުތު އަޅުގަނޑަށް މަރުޙަބާ ކިއުމަށްޓަކައި ގޭގެ އެންމެހައި ކަންކަން ފުރިހަމަކޮށް ޒީނަތްތެރި ކުރުމުގައި މުންނަ ވަރަށް އިސް ދައުރެއް އަދާކުރެއްވި. އަޅުގަނޑު އުފަންވުމަށްފަހު ރަނެއްމަލެއްހެން އަޅުގަނޑު ފެންވެރުވުމާއި، ކާންދިނުމާއި ރީތި ކުރުމުގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރެއްވެވިކަމަށް އަޅުގަނޑުގެ މަންމަ އަޅުގަނޑު ގާތު ބުނެދެއްވާ. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެން، މުންނައަކީ އަޅުގަޑުމެން ހުރިހާ ކުދިންނާ ވަރަށް ގާތްކަން ބާއްވާ ހިތްހެޔޮ ބޭފުޅެއް. އަބަދުވެސް އުފާވެރި ހިނިތުންވުމެއް މޫނުމަތިން ފެންނަ މުނައަކީ، މުޅި މި ޢާއިލާގެ ދިރުން. މުންނައަށް ފުރިހަމަ ޞިއްޙަތަކާއި ދިގު ޢުމުރެއް ދެއްވާށި! އާމީން!”
މާމަ ދަރިފުޅު ޑރ.މަރްޔަމް މަންހަލް ޢަޖީބް
“މުންނަ(މާމަ) އަކީ ވަރަށް ހިތްހެޔޮ، އޯގާތެރި ބޭފުޅެއް. އަބަދުވެސް ފެންނަނީ ހިނިތުންވުމަކާ އެކު. މިހާރު މުންނަ ޢުމުރުން ދުވަސް ވުމުން ހަނދާން ބަލި ކަމުގައި ވިޔަސް، ވަރަށް ގިނަ ދުވަސްކޮށްފައި، ރަށަށް ގޮސް މި ކާކުހޭ އަހާލުމާއެކު ‘ތީ މަންހަލެއްނު’ ބުނެލާ ކޮންމެ ފަހަރަކުވެސް އުފަލުން ރޮވޭ. މުންނަގެ ޙަޔާތުގައި ބަރަކާތް ލައްވާށި!”
މާމަ ދަރިފުޅު އިބްތިޝާމް މުޙައްމަދު ނާޝިދު (ކްލިނިކަލް ނާރސް):
“އަޅުގަނޑުގެ މުންނައަކީ، ފަސްނުޖެހި، ލޯތްބާއި އަޅާލުމާއެކު އަޅުގަނޑު ތަރުބިއްޔަތު ކުރުމުގެ އެއް އަސްލެވެ. އަޅުގަނޑާއި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކުދިންގެ ބަރު، ސްކޫލް ދަބަސްތައް އުފުލުމުން ފެށިގެން އަޅުގަނޑުގެ އީމާންތެރިކަން ހަރުދަނާކުރުމާއި ދީން އުގަންނައިދިނުމާއި ހަމައަށް، އަދި މިއަދު މިހުރި އަޅުގަނޑު އަޅުގަނޑުގެ ގޮތުގައި ، މުންނަ ބައްޓަން ކުރެއްވިއެވެ. މުންނަ ދެއްވި ކޮންމެ ފިލާވަޅަކާއި، އަދި ވެވަޑައިގެންނެވި ކޮންމެ ޤުރުބާނީއެއް އަޅުގަނޑުގެ ހިތުގައި އަބަދަށްޓަކައި ލިޔެވިފައިވެއެވެ. އަޅުގަނޑުގެ ދުޢާއަކީ ޖަންނަތުގައި އަޅުގަނޑު ބައްދަލުވާ ފުރަތަމަ މީހާ ކަމުގައި މުންނަ ވުމެވެ. އެހާވެސް ލޯބިވެއެވެ. އަބަދުވެސް އެދެނީ މުންނަ އަށް ހެޔޮގޮތް މިންވަރު ކުރެއްވުމެވެ.”
މުނިމާމަ ދަރިފުޅު މުޙައްމަދު ޝަޔާން ޝިޒާން (ސީ.އެޗް.އެސް.ސީގެ މިހާރުގެ ކެޕްޓަން)
“އަޅުގަނޑު ތުއްތުއިރު އަމިއްލަ ދަރިއެއް ފަދައިން ‘މުންނާންމަ’ އަޅުގަނޑު ގެންގުޅުނު. ރީތި ވާހަކަތައް ކިޔައިދީ ރޭގަނޑު އަޅުގަނޑު ނިންދަވާ، ދުވަހުގެ ގިނަ ވަގުތު އެކުގައި ހޭދަކުރެއްވި. އަޅުގަނޑުގެ “ބެސްޓު ފްރެންޑް” އަކީވެސް އަޅުގަނޑުގެ މުންނާންމަ. މި ކަންކަމަށް މުންނާންމައަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން. މުންނާންމަ އަޅުގަނޑު ސިފަކުރަނީ އެންމެ ހިތްވަރުގަދަ، އެންމެ ހެޔޮ މުނިމާމާގެ ގޮތުގައި.”

މަންމައާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ގާޑިޔަލުގައި / ފޮޓޯ:ޢަޖީބް
މިއަދު އައު އަހަރުގެ ހަދިޔާއަކަށް އަޖީބުގެ މަންމައަށް، އަޖީބާއި އާއިލާގެ ހުރިހާ ކުދިންގެ ފަރާތުން ހުވަދޫމީޑިއާ މެދުވެރިކޮށް މިދެނީ މި “އާޓިކަލް” އެވެ.
ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ މަންމައެވެ. މަންމަގެ މީރުވަސް ދުވާ ދާވަނި ފަތުރާލަނީ ދަރިންނަށްޓަކައި ލޯތްބާއި ގަދަރާއި ހުރިހާ އުފަލަކާ އެކުގައެވެ. މަންމަގެ ފަސްބައިގެ ހިޔަލަކީ މި ކައުނުގައިވާ އެންމެ ރައްކާތެރި ހިޔަލެވެ. މަންމަގެ އުނގަކީ ހުރިހާ ހިތާމައަކާއި ވޭނަކާއި ބިރަކާއި ރިހުމެއްގެ ކަރުނަ ބޭނުން ވަރަކަށް ބޭނުން އިރަކަށް އޮހޮރަން ބޭނުން ކޮންމެވަގުތަކު ބޯއަޅާލެވޭ ތަންމައްޗެކެވެ. އެކުގައި މަންމަ ހުރިނަމަ ކިތަންމެ ގިނަ ދުޝްމިނުންނަކާ، އެކަނި ކުރިމަތިލައިގެންވެސް ފަތަހަ ލިބޭނެ ކަމުގެ ޔަގީންކަން އޮވެއެވެ. އެކަމަކު މިފަދަ މަންމައިން، އަޖީބުގެ މަންމަ ފަދަ، އަދި މިދެންނެވިފަދަ ސިފަތަކުގެ މަންމައިންނަކީ ނަސީބުވެރިންނަށް ލިބޭ ނިޢުމަތެކެވެ. މަންމަގެ ނަސީބު ނަގާނުލާށެވެ. އެ ފައިތިލައެއްގެ ދަށުން ތިމާއަށް ސުވަރުގޭގެ މަގުސާފުވެ ދޮރުހުޅުވޭ ފައިތިލައިގައި ބޮސްދީ ޤަދަރު ކުރާށެވެ. މުސްކުޅިވެ ބަސް ގިނަވުމުން، ނުވަތަ ބަލިވުމުން އެއްލައި ނުލާށެވެ. ލޯބިވާށެވެ. ލޯބިދޭށެވެ. 2025ގެ މި ފުރަތަމަ ދުވަހު މަންމަދެކެ ލޯބިވާ ވާހަކަ ބުނެލާށެވެ.
މަޝްހޫރު ލަވައަކުން ނަކަލުކޮށް، އަޖީބު ބުނެފައިވާ ފަދައިން؛
ތަޢުލީމޭ ވީ އުނގުގައި ތަރުބިއްޔަތާ ދީފައި
މަންފާ އަދައިގެން ހުރިހައި ނިންޖާ އަރާމު ދީފައި
ހުޅުވާލަ ދިން ތިޔަ މުށުން ލިބިދިން އުފާވީ ދުށުން
މަންމާގެ ފައިތިލަ ދަށުން ހޯދޭނެ ޖަންނަތުގެ ޝާން
މަންމާ މިދޭ އިޙްތިރާމް…
ހުވަދޫމީޑިއާއިން ޢަޖީބުގެ މަންމައަށް ސެލިއުޓް ކުރަމެވެ. އަދި ފާގަތި ފަހި ރާސްތާއަކުން އަބަދުވެސް ހަމަޖެހުމާއި އުފާ މިންވަރުކުރައްވާށިއެވެ. އަދި ޢުމުރު ދިގުކުރައްވައި، އާޚިރަތުގެ ގޮވަތި ބާއްޖަވެރި ކުރައްވައި ސުވަރުގެވަންތަ ވެރިއެއްކަމުގައި ލައްވާށިއެވެ….!
މި އާޓިކަލް ތައްޔާރުކޮށް މަންމައާ ބެހޭގޮތުން ގެނެސްދެއްވި ހެޔޮ ބަސްތަކަށް ޝުކުރު ދަންނަވަން
މިލިޔުން ކިޔާނިމުނު އިރު އުފަލުން ރޮވިއްޖެ
الحمدلله މިފަދަ މައިން ވ މަދުން ނޫނީ ނުފެންނާނެ މާޝާﷲ ޢާއިލާޔަށް ހެޔޮرحمةލައްވާށި امين
ހުވަދޫ މީޑިޔާގެ ފަރާތުން އަޅުގަނޑުމެންގެ މަންމައަށް ތިޔަދެއްވި އިޙްތިރާމް އުފަލާއެކު ބަލައިގަނެ ޝުކުރު ދަންނަވަން.
ޢަޖީބް ސަރގެ މަންމަގެ ހަޔާތުގެ ދިގުދަތުރަކީ ހިޔާލަށްގެނެވޭގޮތުގައި ގަދަ ވަޔާއި ވިއްސަރައިގެ ވިލާގަނޑުތަކާއި ކަނޑުގެ ބާނިތަކުގައި އޮޔާދެކޮޅަށް ދަތުރުކޮށް އަމާން އައްސޭރިއަކަށް ބަނދަރުކޮށްލި މާލިމީއެއްގެ ދަތުރެއްކަން ޔަގީން. ޢުފަލުން ރޮވިއްޖެ މީހަމަޔަގީނުންވެސް ޢިބުރަތުން ފުރިގެންވާ ދަތުރެއް، ފަގީރު އެތަށް އާއިލާ އެެއް އުޅުނު ހާލު މަންމަ އަޅުގަނޑު ވަރަށް ކުޑައިރު ކިޔާދިން އަދި ވަކި ވަކި އާއިލާތަށް މަންމަ ކައިރިން އަަހައި އެމީހުންގެ ވަނަވަރު ސާފުކޮށްހަދަން .އަދި ބުނާނެ އެހާލުގައި ބޮޑުކުރި ކުދިން ކިޔަވަން ކުރާ މަސައްކަތް. ޙަމަ ޔަގީނުންވެސް އެފަގީރު އާއިލާތަކުން ނުކުތީ ވަރަށް އިލްމީ ދަރިންތަކެއްް. ޙާއްސަކޮށް ތިނަދޫގެ މުއްސަދިންގެ ދަރިންނަށްވުރެ ފަގީރު ހާލުގައި ދަތިއުދަނގޫ ކޮށް ބޮޑެތިކުރި ކުދިންނަކީ ތިނަދޫގެ ވަރަށް ތައުލީމީ ގާބިލް ހުނަރުވެރި އުސްތާޒުންތަކެއް. ޢެގޮތުން މަންމަގެ ފަރާތުން ފާހަގަކުރެވުނު އެއްބޭފުޅެއްގޮތުގައި އަލީ ޝަމީމްބެ އާއި އަފީފް ކަތީބް ފާހަގަކޮށްލެވޭ. މިބޭބޭފުޅުންގެ މައިން ބަފައިންގެ ހިއްވަރަށް ވެސް ހަމަ އައްސެރިބަހާއި ތައުރީފު ހައްގު. އަޖީބް ސަރގެ މަންމަޔަށް ދެދުނިޔޭގައި ހެޔޮރަހުމަތްލައްވާށި .