“ބްލެސްޑް ވިތު ދަ ބެސްޓް، އަލްހަމްދުލިއްލާހި، (މާތް ﷲގެ ރަހްމަތްފުޅުން ދެއްވީ އެންމެ ރަނގަޅު ފިރިމީހާ! ނުހަނު ލޯބިވޭ!)
މާޝާﷲ، އަލްޙަމްދުލިއްލާހި، މިއީ އުފާވެރި ހަބަރެކެވެ. ޒާރާ އިހުރާމުހެދުމުގައި ބުރުގާ އަޅައިގެން ފިރިކަލުން، ސިޔާމް މުހައްމަދާއެކު މައްކާގެ މާތްވެގެންވާ ބިމުގައި އުމުރާގެ މަތިވެރި އަޅުކަން އަދާ ކުރަމުންދާކަން ޔަގީންކޮށްދޭ މަންޒަރުތަކެއްވެސް ސޯޝަލްމީޑިއާގައި އެބަދައުރުވެއެވެ. އެއްވީޑިޔޯއަކުން މާތްވެގެންވާ ގެފުޅު ފެންނައިރު ޒާރާ އިހުރާމު ބަނދެގެން، އިހުރާމު ހެދުމުގައި ބުރުގާގައ އިންއިރު ފިރިކަލުން ސިޔާމްގެ އަތާއަތް ގުޅުވައިގެން ކާރެއްގައި އިންނަ މަންޒަރުވެސް ފެނެއެވެ.
2024 ވަނަ އަހަރު މުޅި ސޯޝަލްމީޑިއާ އެއަޑަކުން ގުގުމާލި، އަދި ފިނިވުމެއް ނެތި ކުރިއަށް ދިޔަ އެއް ވާހަކައަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު، އާދެ ސަަން ސިޔާމުގެ ކައިވެނީގެ ވާހަކައާއި ސިޔާމުގެ އަނބިކަނބަލުން ޒާރާގެ ވާހަކައެވެ. ތެދުތެދަށް ދަންނަވާނަމަ ބ ކަމަދޫއަށް އުފަން އައިމިނަތު ޒާރާގެ ވާހަކައިން ސޯޝަލްމީޑިއާ ކެކިއަރަމުންދަނިކޮށް އެއަށް އިތުރު ހޫނުކަމެއް އައީ މި ކައިވެންޏާ ހަމައިންނެވެ. ކައިވެންޏަށް ފަހުވެސް ޒާރާގެ ވާހަކަދެއްކުން މީހުން ހުއްޓާލާ ހިތެއް ނުވިއެވެ.
ވެދާނެއެވެ. ރާއްޖޭގައި މިހާތަނަށް އެގޮތަށް އަވަސް ކުއްލި މަޝްހޫރުކަމެއް އެހާ ބޮޑަށް ލިބުނު އަންހެންކުއްޖަކުވިޔަސް އަންހެނަކު ވިޔަސް އަބުރުވެރި ގޮތަަކަށް ކުރިއަށް ގޮސްފައެއް ނެތެވެ. ގިނަ ދިވެހިން އުއްމީދުކޮށްގެން ތިބީ ޒާރާއާމެދުވެސް އެފަދަ “ނުރަނގަޅު ސެލެބްރިޓީ ވައިބެއް” އަންނާނެ ކަމަށް ކަންނޭނގެއެވެ. ވާހަކަތައް ފެތުރެމުން ދިޔައީވެސް އެހެންނެވެ.
ނަފުރަތާއި ހަސަދައިން ކަޅިވި ދޫތަކުން ޒާރާގެ ކައިވެންޏަށްފަހު، އަލަތުކައިވެނީގެ އުފަލުގައި އަލަތުފިރިމީހާއާއެކު ހިމޭން މަޑުމައިތިރި އުޅުމެއް އުޅެމުން، ސޯޝަލްމީޑިއާގެ އާންމު މަންސަ ފޭސްބުކް ޓިކްޓޮކް ފަދަ ތަންތަނަށް ފޮޓޯއާއި ވީޑިއޯލައި ސްޓޭޓަސް އަދާހަމަ ނުދީ، އަމިއްލަ ޕްރައިވަސީގައި އިންސްޓަގްރާމް ނޫންއެއްޗަކުން ނުފެނި ދިރިއުޅުމުގެ ކަންކަމާ މަޝްއޫލުވެގެން އުޅެމުންދިޔުން ކަމުނުގޮސްގެން ކަތިލީ ހިތަށްވެސް ނާރާފަދަ ވިހަ ގޮތަކަށެވެ. ޒާރާގެ ފިރިކަލުން ޒާރާއަށް އަނިޔާކުރި ކަމަށް މުޅި ސޯޝަލްމީޑިއާގައި ފެތުރުނު ވާހަކައަށް އުފް ރައްދެއްވެސް ނުދީ ދެމަފިރިކަނބަލުން ހިމޭނުން ތިބި ތިބުމުންވެސް ބަޔަކަށް އިބުރަތެއް ހާސިލު ނުވި ކަހަލައެވެ.
އެކަމަކު މިފަހަރު ޒާރާ މިދިނީ ހިމޭން ޖަވާބެކެވެ. އެޖަވާބުގައި ވަރު އެބަހުއްޓެވެ. މިފަހަރުވެސް ޒާރާ އެއްވެސް މީހެއް ގާތު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް ކަން ބަލަމުން، ހިރިހޮއި ކޮންނަމުން ދުވާ މީހުންނަށް މަންޒަރު ފެންނާނެތާއެވެ.
ޒާރާ، އިންސްޓާސްޓޯރީއަށް އުމުރާގެ މަންޒަރުތައް ދޫކުރަން ފެށުމުން އެއްވެސް އެއްޗެއް ނުވިސްނި ތިބި މީހުންނަށް އިއްޔެ މިވަނީ ޔަގީންކަން ލިބިފައެވެ. ޒާރާގެ މުޅިން ތަފާތު ސިފައެއް ފެނުމުން މިފަހަރު މީހުންގެ ތުބަށް އިނގިލި އަރައިފިއެވެ. ބަސްހުއްޓި ހިމޭންވެއްޖެއެވެ.
މީގެ ކުރިން ފޭސްބުކް ގެ މިނިސްޓްރީ މިނިސްޓްރީތަކާއި ކައްތިރިފަދަ ޕޭޖުތަކަށް ޒާރާގެ ޕޯސްޓެއް ލާއިރަށް ތެޅި ފޮޅިގަންނަ، ލާހެއްދެވި ހުތުރުބަސްތަކުން މުހާތަބު ކުރާ އަންހެން، ފިރިހެން ދެޖިންސުގެ މީހުންވެސް ތިބީ ހިމޭނުންނެވެ. ޕޯސްޓުތަކަށް އެހެންޏާ 5 މިނެޓު ތެރޭ ކޮމެންޓުތައް އަންނަން ފަށާގޮތަށް ގަޑިއެއްހާއިރު ތެރޭ ސަތޭކައަށް އަރައިގެން ނުހުއްޓި ކުރިއަށްދާ ދިއުން އޮތީ ހައިރާންއަރާފައި ކަހަލައެވެ. ދެތިން މެސެޖެއް މާޝާﷲ ބުނެފައި އޮތްކަން ފާހަގަ ކުރެވުނެވެ. އެކަކު ދެމީހަކު ދެއްކުންތެރިކަން މިވަރަށް ބުނިނަމަވެސް އެއްގަޑި، ދެގަޑިއިރު ވެގެންދިޔައިރުވެސް ރައްދު ބަހެއް ކޮމެންޓުސެކްޝަނަކަށް ނާދެއެވެ.
އަޅުގަނޑުގެ ސުވާލަކީ، ހުތުރު ބަހުން، ބޭއަދަބީ ބަހުން، ހިތުހުރި އެއްޗެއް ގޮވާ ނަގާ ގޮތަށް ރަނގަޅު މަންޒަރެއް ފެނުމުން ރަނގަޅު ބަހެއް ބުނެލާނެ ހިތްވަރު ނުލިބުމުން އެއިން ދޭހަވަނީ ކޮން އެއްޗެއް ތޯއެވެ. އެއިން ދޭހަވަނީ މީގެ ކުރިން، ޒާރާއާމެދު ބުނި ހުރިހާ ބަދުބަހަކީ ކަނޑައެޅިގެން ދޮގު ބުހުތާނު ބަސްތަކެއްކަން އެއޮތީ ފާޅުވެ ސާބިތުވެފައި ނޫންތޯއެވެ. އަމިއްލައަށް ކޮންމެ މީހަކަށްވެސް އެލިބުނީ ޖަވާބެވެ. ބަލަން ތިބި މީހުންނަށް ވެސް އެދެވުނީ ޖަވާބެވެ.
އެއްވެސް ކުށެއް ނެތް މައުސޫމު އަތްނބެއްގެ އަބުރު ކަތިލަމުން ދިޔައިރު މިފަދަ ދުވަހެއް އައިސްދާނެ ކަމަކަށް އެއްވެސް މީހަކު ހީނުކުރާނެކަން ނޭނގެއެވެ. ނަން މަޝްހޫރުވީ ޒާރާ އަމިއްލައަކަށް ނޫނެވެ. އެތައް އަންހެންކުދިންތަކެއް ނެށިނެށުމެއްގެ ތެރެއިން ޒާރާ ފާހަގަ ކުރީ ހައްގުވެގެންނެވެ. އެކަން ގަބޫލު ކުރަން ބޭނުން ނޫން ހަސަދަވެރިންނާއި ނަފުރަތުކުރި ބަޔަކު ހީކުރީ ޒާރާގެ އަބުރު ވެއްޔާ ލެވިދާނެކަަމަށެވެ. އެކަން ނުވެ ޒާރާ އަބުރުވެރި ގޮތަކަށް މީހަކާ ކައިވެނި ކުރުމުން ދެން ބެލީ ކައިވެނި ބަދުނާމުކޮށް ހުތުރު ކޮށްލެވޭތޯއެވެ. އެކަމަކު ހަގީގަތެއް ނެތް ވާހަކަައަކަށް ޒާރާ ރައްދު ނުދިނުމުން ދެންވެސް ދޫކޮށްލަން ބޭނުންނުވެ، ޒާރާއާއި ޒާރާގެ ފިރިކަލުންގެ ބޮލުގައި ހުތުރުވެގެންވާ ހަޑި ބަދުނާމުތައް އަޅުވަމުން ދިޔައީއެވެ، އެކަމަކު މިއަދު ޒާރާގެ ފަރާތުން އެފެނުނީ މުސްލިމަކުނަމަ އިނގިލި ދިއްކޮށްނުލާނެ ފަދަ މަންޒަރެކެވެ.
ޒާރާގެ މިއައު ހަޔާތުގައި ފެށި އައުބާބަށް ހުވަދޫމީޑިއާއިން އައްސަރިބަހާއި ސާބަސްދިނުމާއެކު ސެލިއުޓް ދެމެވެ. ބުރުގާގައި ފިރިކަލުންގެ އަތުގައި ހިފައިގެން އުމުރާގެ އަޅުކަމަށް ގޮސް ޒާރާ އެއިނީ ހައްގު ގޮތުގައެވެ. އޭގައި ބަސްބުނާނެ ޖާގައެއް ނެތެވެ. އުމުރާގެ އަޅުކަމުގައި އިހުރާމު ބަނދެވޭނީ ބޮލާއި ކަނދުރާ ނިވައިކޮށްގެންނެވެ. އުމުރާގެ އަޅުކަމަށްފަހު ބުރުގާ އެޅުމާއި ނޭޅުމާމެދު އަޅުގަނޑުމެންނަކަށް އެއްވެސް އެއްޗެއް ނުބުނެވޭނެއެވެ. ސަބަބަކީ މިދިވެހިގައުމުގައި ވަރަށް ގިނަ ފަހަރަށް ހައްޖު ނުވަތަ އުމުރާއަށް މައްކާގެ ބިމުގައި އަޅުކަން ހޭދަކުރުމަށް އިހުރާމް ބަނދެގެން ބޯނިވައިކޮށްގެން އުޅޭ މަންޒަރާއި އަދި އޭގެ ފަހުން އާދައިގެ ހެދުމުގައި އުޅޭ މަންޒަރު މިއީ އާންމު މަންޒަރަކަށް ވާތީއެވެ. އަޅުގަނޑު އިޝާރާތް ކުރީ އުމްރާގެ އަޅުކަމަށެވެ. ކޮންމެ އިންސާނެއްގެވެސް އަމަލުތައްވަނީ އޭނާގެ ނިޔަތާއެކުގައި ކަމަށްވެފައި އެއްވެސް އިންސާނަަކަށް އަނެއްއިންސާނެއްގެ އަމަލުތަކުގެ ހިސާބެއް ނޭނގޭނެތީ، މިވެނިމީހާ އެކުރިކަމަކުން އޭނާ ސުވަރުގެ ނުވަންނާނެއޭ މިފަދަ ބަސްތައް ބުނުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެތީއެވެ. ހުރިހާ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެއްކައުވަންތަ ކުޅަދުންވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތެދުމަގު ދައްކަވައެވެ. ހަމައެހެންމެ، މީހެއްގެ ދިރިއުޅުމާއި ހަޔާތުގެ ކުލަ ބަދަލުވާނީ ކޮންއިރަކު ކިހިނެއްކަމެއްވެސް އެއްވެސް މީހަކަށް ނޭނގެއެވެ.
ކޮންމެ ގޮތަކަށް ކަންތައްވިކަމުގައިވިޔަސް ޒާރާއަކީ މަޑުމައިތިރި ނުހަނު ކެތްގަދަ ހިތްވަރުގަދަ އަންހެނެއްކަން ގައިމެވެ. ދިވެހިންގެ ވިހަތޫނު ހުތުރުބަސްތަކާއި ކަންފަތް ބައްވާހާ ގިނަ ބަދުނާމާއި ތުހުމަތުތައް އަޅުވައި އަދި ފާޑުފާޑުގެ ފޮޓޯތައް ހަދައި އެކަކަށްވުރެ ބާރަށް އަނެކަކު ،“އޭނައަށްވުރެ މޮޅަށް މަ މަލާމާތްކޮށް ފުރައްސާރަކޮށްލާނަން އޭރަށް މަގޭ ޕޯސްޓް މާބޮޑަށް ވައިރަލްވާނެ، މީނައަށްވުރެ މާ ހުތުރު އެއްޗެހި ކިޔައި ބޭއަދަބީ ބަސްތަކުންނާއި ލަދުންއަމިއްލައަށް މަރުވާންޖެހޭވަރުގެ ހަޑި ތުހުމަތު މަ ކުރާނަން، އޭރަށް މަގޭ ޕޯސްޓު މިރެއިން މިރެއަށް ވައިރަލްވެ މިލިއަނަކާ ހަމައަށް ރިއެކްޓާއި ކޮމެންޓާއެކު ފޮލޯވާސް ލިބޭނެ.” މިއަޒުމުގައި ވަރުބަލިކަމެއް ނެތި އެކިމަންސަތަކުގައި ޒާރާއަށް ގަނާ ކުރިއިރު، އަދި މިއަދުގެ މިހިނދުވެސް އެކަން އެގޮތަށް އޮތްއިރު، ބަހުގައި ބުނާހެން “ތަށަށްކިޔަނީ މަރިޔަނބުހޭ،”ވެސް އަހާނުލިތާ ކަހާތަން ހިރުވާވެސް ނުލައެވެ. އަމުދުން އަުމުރާއަށްފަހު ކުރިއަށްވުރެ މާބޮޑަށްވެސް ހިތްވަރުގަދަވެ، ހަރުދަނާވާނެކަން ޔަގީނެވެ.
އެހެންމީހުންގެ ގޮތެއް ނޭނގެއެވެ، ޔަގީންވާ ކަމަކީ، ހުވަދޫމީީޑިއާ އިން ނުހައްގު އެއްވެސް ބަހެއް ޒާރާ ކީއްކުރަން އެއްވެސް މީހަކާ ދިމާއަށް ނުބުނާނެކަމެވެ.
ހުވަދޫމީޑިއާއިން އެދެނީ ޒާރާއާއި ސިޔާމަށް އަދަށް ވުރެ ފަހި މާދަމާއެއް ދެއްވައި ބާއްޖަވެރި ޒަވާޖީހަޔާތެއްގައި ކުރިއަރައި ދިއުމެވެ.