ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން އަލްފާޟިލާ ޙުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމާގެ ޢާއިލާއަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ރައިސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމާ ޙުސްނާ މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރުކޮށް ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.
މީގެ އިތުރުން ރައިސުލް ޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ވެސް ވަނީ ހުސްނާ މޫސާ އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ދަންނަވާފައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން އަލްފާޟިލާ ޙުސްނާ މޫސާ އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރުފުޅެވެ.
މަރުހޫމާ ހުސްނާ މޫސާގެ ޖަނާޒާ ބޭއްވުނީ މިއަދު ހުކުރު ނަމާދަށް ފަހުގައެވެ.