ކ. ހިންމަފުށީގައި ކަރަންޓުގައި ޖެހުނު އެރަށު ކައުންސިލްގެ އަންހެން މެމްބަރު، ވަފިއްޔާ އިބްރާހިމްގެ ހާލު ރަނގަޅު ކަމަށް އާއިލާއިން މިބުނެފިއެވެ.
އިއްޔެ ރޭ އިރާކޮޅު ވަގުތެއްގައި ހިންމަފުށީގައި ހިނގި މި ހާދިސާގައި ވަފިއްޔާ ކަރަންޓުގައި ޖެހުނީ ސޮކެޓަކުން ޓޮޕެއް ނައްޓަން އުޅުމުގެ ތެރޭގައެވެ. ވަފިއްޔާއަށް ފުރަތަމަ ފަރުވާ ދެވުނީ ހިންމަފުށީ ސިއްޙީ މަރުކަޒުގައެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެވިފައެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ވިދާޅުވެފައިވަނީ ވަފިއްޔާގެ ހާލު ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، ވަފިއްޔާ ކަރަންޓުގައި ޖެހިފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހިންމަފުށީ ކައުންސިލް އިދާރާގައި ފެންބޮޑުވުމާ ގުޅިގެން، އެކައުންސިލްގައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ ތެރޭގައެވެ.
ވިއްސާރަ މޫސުމުގައި ކަރަންޓާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.

