ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އަޑު އަޑުއަހައި، ރައްޔިތުންގެ އިޙްސާސްތަކަށް އިސްކަންދޭ ސަރުކާރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
މެންބަރު އަނާރާ މިހެން ވިދާޅުވީ އިއްޔެ ކ. ގުޅީގައި ބޭއްވުނު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގުޅީ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެންބަރު އަނާރާ ވިދާޅުވީ، ސަރުކާރަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރައްވާ މަންޒަރު ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށްވެސް އަނާރާ ފާހަގަކުރެއްވިއެވެ.
“ރައީސް މުޢިއްޒު ވެރިކަމުގެ އެންމެ ކުރީކޮޅު ހުރާ ދާއިރާގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ކައުންސިލްތަކާ ބައްދަލުކުރެއްވި ކުރެއްވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް،” މެންބަރު ޑރ އަނާރާ
މީގެއިތުރުން، ގުޅީ ކައިރީގައި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫޢެއްކަމަށް އަނާރާ ވިދާޅުވިއެވެ. އަދި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށް އިތުބާރު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު އަނާރާގެ ވާހަކަފުޅުގައި ގުޅީގެ މިވަގުތުގެ އެންމެ މުހިންމު ބޭނުންތަކުގެ ތެރޭގައި ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ މައްސަލަ، އައު މިސްކިތެއްގެ ބޭނުން، ލެބޯޓްރީގެ ޚިދުމަތް އަދި ހުއްޓިފައިވާ ސްކޫލު އިމާރާތުގެ މަސައްކަތް އަލުން ފެށުން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.

