ރައީސް ޑރ. މުޢިއްޒުއަކީ ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި އެހެން ރައީސުންނާ ތަފާތު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަޑަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެއްޖެއެވެ. އެމަނިކުފާނަކީ އަޚްލާގު ރަނގަޅު، އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަގުވަޒަންކުރައްވާ ބޭފުޅެއް ކަމަށާއި ޢިލްމީގޮތުން އަދި ސިޔާސީ ގޮތުންވެސް ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް ވެސް އަބްދުއްރަޙީމް ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ރައިސް ޑރ.މުޢިއްޒު ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދަވާނެކަން އެމަނިކުފާނު ދަނީ ސާބިތުކުރައްވަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުއަކީ މީހުންނާ ގުޅޭ ބޭފުޅެއްކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ހާމަކުރީ 2023ވަނަ އަހަރު ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނުގެ ނަން ހުށަހެޅުއްވީވެސް ރާއްޖެ އޭރު އޮތް ހާލަތުން ރައްޔިތުން އެންމެ ބަލައިގަންނާނީ އެމަނިކުފާނުކަމަށް ފެނިވަޑައިގެންނެވުމުން ކަމަށެވެ. ރައީސް ޑރ. މުޢިއްޒު ހައުސިންގ މިނިސްޓަރުކަމާއި އަދި މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކުރެއްވިގޮތަށް ބަލާއިރުވެސް އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދެއް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއެވެ.