މައްކާގައި ތާށިވެފައިވާ އުމްރާވެރިން ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަންކަމަށް ވަޒީރު ޑރ.ޝަހީމް ވިދާޅުވެއްޖެއެވެ. އަދި މި މައްސަލަ ވަރަށް ގާތުން ބަލަމުންދާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މީޑިއާ އަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮންނަ ކުންފުންޏެއްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ ދިވެހީންތަކެއް ރާއްޖެއަށް ނާދެވި މައްކާގައި ތާށިވެފައިވާކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހިންނަށް އެހީތެރިކަން ބޭނުންވާ ދަނޑިވަޅުގައި ދިވެހި ސަރުކާރުން އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަންކަމަށެވެ. އަދި ރާއްޖެ ނާދެވިފައި ތިބި މީހުން އަނބުރާ ރާއްޖެ ގެނައުމަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މައްކާގައި ތާށިވެފައިވަނީ އަލްޙިޖްރު ނަމަކަށް ކިޔާ ކުންފުންޏެއްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ 24 ދިވެއްސެކެވެ. އަދި މި މައްސަލަ ދިމާވީ ޢުމްރާއަށް ދިޔަ މީހުން މާލެ އައުމަށް ޓިކެޓް ނަގަން ހުރި ފައިސާ އެ ކުންފުނިން އެހެންކަންކަމަށް ޚަރަދުކުރުމުންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އަލްހިޖްރަ ކުންފުނިން ފޭސްބުކްގައި މީގެއިރުކޮޅެއް ކުރިން ކުރި ޕޯސްޓެއްގައި ބުނީ އުމްރާވެރިންގެ އަޅުކަން ނިމިފައިވީ ނަމަވެސް، ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާ ހުރެ އުމްރާވެރިން ރާއްޖެ ގެންނަން ދަތިވެފައިވާ ކަމަށެވެ.