ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއް ނުވަތަ ޚިދުމަތެއް އުނިކުރެވިފައި ނުވާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިއަދު ބުނެފިއެވެ.
މި ބަޔާން ނެރުނީ މާފުށި ޖަލުގައި ގައިދީންތަކެއް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަން ފެށިކަމަށް ޚަބަރު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައެއް އުޞޫލުތަކަށް ބަދަލުގެނެވިފައިވާ ނަމަވެސް، އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއް ނުވަތަ ޚިދުމަތެއް އުނިކުރެވިފައެއް ނުވާކަމަށެވެ.
މާފުށީ ޖަލުގައި ތިބި ބައެއް ބަންދުމީހުން އެ ސަރވިސްއިން ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ނުނަގާކަަމަށް އެ ސަރވިސްއިން ބުންޏެވެ. ނަމަވެސް، އެ ފަރާތްތަކުން ވިޔަފާރި އުޞޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާކަމަށް ފާހަގަކުރިއެވެ. އަދި އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދުމީހެއްގެ ސިއްޙީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވަކި ޚާއްސަ ފަރުވާ ދޭންޖެހިފައި ނުވާކަމަށްވެސް ކަރެކްޝަން ސާރވިސްއިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވީ އެކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާކަަމަށާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ސާފުުކޮށް ގައިދީންނާއި ބަންދުގައި ތިބި މީހުންނާ ވާހަކަ ދައްކައި، ހާލަތު މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ނަމާދުކޮށް ޤުރްއާން ކިޔަވައި ރޯދަހިފުމުގެ އިންތިޒާމާއި ކެއިން ބުއިމުގެ އިންތިޒާމާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓޭނެ އިންތިޒާމާއި ފާޚާނާކުރުމުގެ އިންތިޒާމާއި ނިދާނެ ތަނަކާއި ނިދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ.