އެސްޓޯނިއާގެ ރައީސް ޑރ. އަލާރ ކާރިސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ރަސްމީ ދަތުރުފުޅަކީ މި މަހުގެ 13 އިން 16 އަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި، ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ. ޚާއްޞަކޮށް ޑިޖިޓަލް ދާއިރާ، ސައިބަރ، އީ-ގަވަނެންސް، މޫސުމީ ބަދަލުތައް، ތިމާވެށި، ސައިންސް އަދި ތަޢުލީމީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ އިތުރުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ލައުރީ ހުޒަރ އާއި ދައުލަތުގެ އިސް ވަޒީރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާޓޫއަށް ވަޑައިގެން އެ ސިޓީގެ މޭޔަރާ ބައްދަލުކުރައްވައި، ޔުނިވަރސިޓީ އޮފް ޓާޓޫއަށް ޒިޔާރަތްކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލުއާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކުރެވޭ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރާއްޖެއަށް ޑިޖިޓަލް ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއް އަމާޒުކަމަށްވާއިރު، 2030 ވަނަ އަހަރާ ހަމައަށް އެ ދާއިރާއިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާގޮތް ހެދުމަކީ އެމަނިކުފާނުގެ އަމާޒުފުޅެކެވެ. އެސްޓޯނިއާއަކީ ޑިޖިޓަލް ގަވަރނެންސް އާއި އީ-ސަރވިސްގައި ދުނިޔޭގެ ލީޑަރުގެ ގޮތުގައި ފާހަގަކުރެވޭ ޤައުމަކަށްވުމާއެކު، މި ދަތުރުފުޅުން ރާއްޖެއަށް ފައިދާތަކެއް ކުރާނެކަމަށް އުއްމީދު ކުރެވެއެވެ.

