ރާއްޖެއިން އުމުރާގެ އަޅުކަން އަދާކުރުމަށް ދިޔަ 85 އަހަރުގެ ދިވެހި ފިރިހެނަކަށް ނިއުމޯނިޔާ ޖެހި، މިހާރު މައްކާގެ ނޫރު ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި ފަރުވާދެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިހާރު ސައުދީ އަރަބިއާގައި ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ޙާޖީއަށް ފަރުވާދެމުންދަނީ މައްކާގެ ނޫރު ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. އަދި އޭނާ ގެންދިޔަ ގްރޫޕުން އޭނާއަށް ވަރަށް އޯގާތެރިކަމާއެކު އެހީތެރިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
“އެ ބޭފުޅާ ގެނައި ގްރޫޕުން އެ ބޭފުޅާއަށް ވަރަށް ރަނގަޅު. ބަލި ޚަބަރު ލިބުމާއެކު އެ ބޭފުޅާގެ ދަރިޔަކު މާދަމާ މައްކާއަށް އެބަ އާދޭ. އެ ދަރިފުޅާވެސް އަޅުގަނޑު ވާނީ މިއަދު ވާހަކަ ދައްކާފަ. އިންޝާ ﷲ ގާތުން މި ކަންކަން ބަލާނަން،” މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ކުރިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ޑިސެމްބަރު މަހުގެ ތެރޭގައި އެކި ކުންފުނިތަކުގެ ހަވާލުގައި 6،373 އަށްވުރެ ގިނަ ދިވެހިން އުމުރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވެއެވެ.

