ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާއެވެ.
މި އެއްބަސްވުމުގައި ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތައް ވަނީ ބަޔާންކުރެވިފައެވެ. އޭގެ ތެރޭގައި ޙައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖޭން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިތަކުން ޚިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުންފަދަ މުހިންމު ކަންކަން ހިމެނެއެވެ.
ކޮންމެ އަހަރަކުވެސް ޙައްޖު މަހާ ދިމާކޮށް މި އެއްބަސްވުމުގައި ރާއްޖެއާއި ސައުދީއާ ދެމެދު ސޮއިކުރެވެއެވެ. މިއީ ރާއްޖޭން ޙައްޖަށްދާ ޙައްޖާޖީންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ސޮއިކުރެވޭ އެއްބަސްވުމެކެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން ވަޒީރު ޝަހީމް ވަނީ ސަޢުދީގެ ޙައްޖު އެންޑް އުމްރާ ވަޒީރު ޑރ. ތައުފީޤު ރަބީޢާ އާ ބައްދަލުކުރައްވައި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އަދި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވަޒީރު ޝަހީމް ޝުކުރު އަދާކުރެއްވިއެވެ.
ދިވެހި ސަރުކާރުން ޙައްޖާޖީންގެ އިންތިޒާމްތައް ރަނގަޅުކޮށް، ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ އަދަދު 2000އަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަން ވެސް ފާހަގަކުރެވެއެވެ.
ވަޒީރު ޝަހީމް އާއި ސަޢުދީގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރު ޑރ. ތައުފީޤު ރަބީޢާ އާ ދެމެދު ބޭއްވުނު ބައްދަލުވުމުގައި، ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ސަޢުދީގެ ވަޒީރު ވަނީ ޙައްޖާގުޅޭ ކަންކަމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.