ސޯޝަލް މީޑިއާގެ މަޝްހޫރު ޕްލެޓްފޯމްތަކެއް ކަމުގައިވާ ޓިކްޓޮކް އަދި އެކްސް ހުއްޓުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
“ސަންގު”ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު އިޙްސާން ވިދާޅުވީ، މި ސަރުކާރުން ޓިކްޓޮކް އަދި އެކްސް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ދައްކަމުންދަނީ ޙަޤީޤަތާ ޚިލާފު ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށެވެ. އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައިނުވާކަން ފާހަގަކުރައްވައި، އިޙްސާން ވިދާޅުވީ މި ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާނެ ކަމަށެވެ.
މި މައްސަލަ މިހާ ބޮޑަށް ސަމާލުކަމަށް އައިސްފައިވަނީ ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ޝާހިދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޝާހިދު ވިދާޅުވެފައިވަނީ، އެކްސް އަދި ޓިކްޓޮކް ބްލޮކް ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަޅަމުންދާ ހުރަސްތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމާ ހުރެ މިއަދު ރައްޔިތުންނަށް މި ވެރިކަން ކަމުނުދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، ދައުލަތުގެ މަޤާމުތައް ފުރުއްވާފައިވާ ފަރާތްތަކުން ވާހަކަފުޅު ދައްކަވާއިރު، ޒިންމާދާރުކަމާއެކު ވާހަކަފުޅު ދެއްކެވުމަށާއި، ރައްޔިތުންނަށް ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ވާހަކަފުޅު ނުދެއްކެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.