އެސްޓޯނިއާގެ ރައީސްގެ ދައުވަތަކަށް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސް ހިޒް އެކްސެލެންސީ ޑރ.އަލާރް ކަރިސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ވަފްދަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ކަދްރިއޯގްގައި ހުންނަ ރިޔާސީ ގަނޑުވަރުގައެވެ.
މި ހަރަކާތުގައި އެސްޓޯނިއާގެ އަސްކަރިއްޔާއިން ވަނީ ދެ ގައުމުގެ ގައުމީ ސަލާމް ވެސް ކުޅެފައެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ ކާރިސް ވަނީ ގާޑް އޮފް އޮނަރ ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑޮކްޓަރ މުޢިއްޒަށް އެސްޓޯނިއާގެ ޢިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފްކުރެއްވުމަށްފަހު، ދިވެހި ޢިއްޒަތްތެރިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ ކާރިސްއަށް ތަޢާރަފްކޮށްދެއްވިއެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވައި، ގަނޑުވަރުގެ ވިޒިޓާސް ބުކްގައި ސޮއިކުރައްވާފައެވެ.
ރައީސް ޑޮކްޓަރ މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ މައްސަލަތަކާއި ތަޢުލީމީ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ޕާޓްނަރޝިޕްގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

