ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ ދެއްވައިފިއެވެ.
އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ، ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުން މިއަދު ކުރިއަށްގެންދަވާފައިވަނީ، ރައީސް އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޤައުމަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހި ރާއްޖޭގެ މި ތަޞައްވުރު ޙާޞިލުކުރުމަށްޓަކައި ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކުގެ ބޭނުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެސްޓޯނިއާގެ ތަޖުރިބާގެ މުހިންމުކަން ރައީސް ހާމަކުރެއްވިއެވެ. އިޔާދަކުރަނިވި ހަކަތައާއި ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ފަންނިއްޔާތުގެ ދާއިރާއިން އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ އުކުޅުތަކުގެ އެހީގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމާއި، ހަކަތައަށް ކުރާ ޚަރަދުކުޑަކޮށް، ރާއްޖޭގެ ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޔޯކޯ އެލެންޑަރ ވަނީ ރާއްޖެއާއި އެސްޓޯނިއާ ފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ހަކަތައިގެ ދެމެހެއްޓެނިވި ގޮތްތައް ޙާޞިލުކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ޚަރަދު ކުޑަ އަދި ވަޒަންހަމަ އިސްތިރާޖީ ޑިޖިޓަލް ހައްލުތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެސްޓޯނިއާގެ މޫސުމާއި ދެމެހެއްޓެނިވި ކަންކަމުގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) އަށް އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އިޔާދަކުރަނިވި ހަކަތައާއި ޑިޖިޓަލ އީޖާދުތަކާއި ތިމާވެށީގެ ވިލުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ކުރިމަގުގައި ވެސް ދެގައުމުގެ މެދުގައި މި އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމުގެ އުއްމީދު ދެބޭފުޅުން އައުކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ފަރާތުންވެސް ވަނީ ގުޅިގެން މަސައްކަތްކުރުމަށްވެވިފައިވާ އެއްބަސްވުންތަކާއިމެދު އުންމީދު އައުކުރައްވައި، ދެޤައުމުން އިސްކަންދޭ ކަންކަން އިތުރަށް ފުޅާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ދެޤައުމުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މި ފަހުމުނާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލެވެ. އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެސްޓޯނިއާގެ ކްލައިމެޓް ވަޒީރު ޔޯކޯ އަލެންޑަރއެވެ.

