ޝަރުތު ހަމަނުވާ މީހަކަށް ބިމެއް ދީފައިވާނަމަ، އެބިމެއްގެ ވަށާ ފާރު ރާނާފައި ހުރިި ކަމުގައި ވިޔަަސް، އެ ބިމެއް އަތުލައްވާނެ ކަމަށް، އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓަރު ޑރ. މުއްޠޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މި ވާހަކަ ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ވެސް އެކި ފަރާތްތަކުން އެކި ސްކޭމްތައް ހިންގާ ކަމަށެވެ. ނަމަވެސް އެއީ މިނިސްޓްރީއާ ގުޅުންހުރި ކަންތައްތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ގަސްދުގައި ބިންވެރިޔާ ސްކީމްގެ ތެރެއިން އޮޅުވާލައިގެން ގޯތި ދީފައި ހުރި ކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށާއި، މި މައުލޫމާތު ވެރިފައި ކުރުމުގެ ތެރޭގައި ކަނޑައެޅިގެން ގޯއްޗެއް އޮތް މީހަކަށް ގޯއްޗެއް ދީފައިވާނަމަ ނުވަތަ މާލެ ނޫން މީހަކު މާލެ މީހަކަށް ހަދައިގެން ގޯއްޗެއް ދީފައިވާނަމަ އެ މައްސަލަ ބަލާނެ ކަމަށެވެ.
“ގޯތި ރަޖިސްތްރީ ދީފައި ގޯތި ހަވާލުކޮށްފައިވީ ކަމުގައިވީ ނަމަވެސް އަދި އެތަނުގައި ވަށާ ފާރު ރާނާފައިވީ ކަމުގައިވީ ނަމަވެސް ޝަރުތު ހަމަނުވާ މީހަަކަށް ބިމެއް ދީފައިވާނަ އެ މީހެއްގެ އަތުން އަތުލާނަން. އެ ފިޔަވަޅު އަޅާން,” މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބިމަކީ ވަކި މަގްސަދެއްގައި މާލެ ރައްޔިތުންނަށް ލިބޭނެ ގޮތަށް ކުރިއަށް ގެންދިޔަ އެއްޗެއް ކަމަށާއި، އެ އުސޫލާ ހިލާފަށް އޭގެ ތެރެއަށް ކޮރަޕްޝަން ވައްދައިގެން މީހަކު އެއްޗެއް ހޯދާފައިވާނަމަ އެ މައްސަލައެއް ބަލާއިރު އެކަން ފާހަގަކުރެވޭ ކަމަށްވާނަމަ އަތުލައްވާނެ ކަމަށެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފަށައިގެން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސްކޭމެއްގެ ތެރެއިން ވިޔަސް ނުވަތަ މިނިސްޓްރީގެ ތެރެއިން ވިޔަސް އޮޅުވާލައިގެން އިއުލާނުގައި ނުހިމެނޭ ފަރާތަކަށް ބިމެއް ދީފައިވާނަމަ އެ ބިން އަތުލާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފްލެޓްތަކުގެ ކަންތައްވެސް މި އުސޫލުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު އަދި ވިދާޅުވީ ސްކޭމްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ގޯތި ރަޖިސްޓްރީ ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަހަލަ ކަމެއް ނުކުރުމަށް ރައްޔިތުންނަށް މުއްތަލިބު ނަސޭހަތްތެރިވިއެވެ. އަދި ވިދާޅުވީ ދެތިން ހަތަރު ލައްކަ ރުފިޔާ ދީފައި ގޯތި ރަޖިސްޓްރީ ނޫޅުއްވުމަށެވެ. އެގޮތަށް ރަޖިސްޓްރީ ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު އަލިއަޅުވާލެއްވި އެހެން މުހިންމު ނުކުތާއެއް ކަމުގައިވަނީ ސްކޭމަކަށް ނުވަތަ ކޮރަޕްޝަނަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. “އެއީ ހައްސާސް ކަމެއް” ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރުގެ މި ބަސްފުޅުތަކުން ސާފުވާ ގޮތުގައި، ސަރުކާރުން މިހާރު ވަނީ ބިމާއި ގެދޮރު ދޫކުރުމުގައި ހިނގާފައިވާ އޮޅުވާލުންތަކާއި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މީގެ ތެރޭގައި ޝަރުތު ހަމަނުވާ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ އަތުލުމާއި، ސްކޭމްތަކުގެ ތެރެއިން ހިންގާފައިވާ މުޢާމަލާތްތައް ބަލައި ފިޔަވަޅު އެޅުން ހިމެނެއެވެ.