ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އއ. ތޮއްޑޫގައި ޤާއިމްކޮށްފައިވާ “އިހުރު ބާޒާރު”ން ކިއޮސްކްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ. މި ބާޒާރަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެގުމާއެކު ބީސީސީއިން ތަރައްޤީކޮށްފައިވާ މާރުކޭޓެކެވެ.
ބީސީސީގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިފަދަ މާރުކޭޓެއް ޤާއިމުކުރުމުގެ މައިގަނޑު މަޤުޞަދަކީ ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ބާޒާރު ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.
މިހާރު ބީސީސީއިން ހުޅުވާލާފައިވަނީ މި މާރުކޭޓުން 6 ސްލޮޓް ދޫކުރުމަށެވެ. މި ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ޚާއްސަ އޮންލައިން ފޯމް ފުރިހަމަ ކުރަންވާނެ ކަމަށް ބީސީސީން ވަނީ އަންގަވާފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 16:00 އެވެ.
ތޮއްޑޫ އިހުރު ބާޒާރު ހުޅުވުނީ މިދިޔަ އޮކްޓޫބަރ މަހުގައެވެ. މި މާރުކޭޓަކީ އެންމެ ޒަމާނީ ފެންވަރަށް 10 ކިއޮސްކް ތައްޔާރުކޮށްފައިވާ މާރުކޭޓެކެވެ. ބީސީސީގެ ފަރާތުން އިތުރަށް ވިދާޅުވީ، މިތަނަކީ ތޮއްޑޫއަށް އަންނަ ފަތުރުވެރިންނަށްވެސް މި އުފެއްދުންތައް ވިއްކޭނެހެން ތަރައްޤީ ކޮށްފައިވާ ތަނެއް ކަމަށެވެ. އަދި މީގެ ސަބަބުން ބައިނަލްއަޤްވާމީ މާކެޓަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ނެރުމަށް މަގުފަހިވާނެ ކަމަށްވެސް ބީސީސީން ފާހަގަކުރެއްވިއެވެ,