ހައުސިން މިނިސްޓްރީގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސާވާތައް ރިކަވަރ ކުރުމަށް މަސައްކަތް ކުރަމުން
ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސާވާތައް ސިންގަޕޫރަށް ފޮނުވައިގެން ރިކަވަރ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު މި މައުލޫމާތު ހާމަކުރެއްވިއެވެ. އަލިފާނުގެ ހާދިސާ ހިނގީ އުމަރު ޒާހިރު ބިލްޑިންގ އާއި އެހެން ތަންތަނުގައި ބެކްއަޕް ޑޭޓާތަކެއް ހެދުމަށް ސާވަރ ސިސްޓަމްތަކެއް ގާއިމުކުރަމުންދަނިކޮށް ކަމަށާއި، ހާދިސާ ހިނގިއިރު އެ ޕްރޮޖެކްޓް ނިމުމަކާ ހިސާބަށް ދާން ކައިރިވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިހާރު އެ ސާވަރގެ ޑިސްކްތައް ރިކަވަރކޮށްފައި، ސިންގަޕޫރަށް ފޮނުވައިގެން އޭތިން އަޅުގަނޑުމެންނަށް އެއްވެސް މައުލޫމާތެއް ރިކަވަރ ކުރެވޭތޯ އެ މަސައްކަތް ކުރަމުން އެބަ ގެންދަން. އެހެންނަމަވެސް ފުދޭވަރަކަށް ބޮޑަށް އަލިފާނުގެ އަސަރުކޮށްފައިވަނީ،” މުއްތަލިބު ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ސާވަރަށް ލިބުނު ގެއްލުމާ ގުޅިގެން ގޯތި ލިސްޓާއި ފްލެޓް ލިސްޓާއި އޭގެ ފަހުން އިއުލާނުކުރެވިގެންދާ ލިސްޓަށްވެސް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ޕޯޓަލްތައް ހުރީ މައިކްރޯސޮފްޓް އެޒޫގައި ގާއިމުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހައުސިން މިނިސްޓްރީ ހިމެނޭހެން ތިން މިނިސްޓްރީއެއްގައި ވަނީ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މުއްތަލިބު ވިދާޅުވީ 2022 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ހުރި ހުރިހާ މައުލޫމާތުތަކެއް ރައްކާކުރެވިފައި އެބަހުރި ކަމަށާއި އޭގެ ފަހުން ހުރި މައުލޫމާތު ރައްކާނުކުރެވި ހުރީ އޭރު ދައްކަމުން ދިޔަ ސަބްސްކްރިޕްޝަން ފީތަކެއް ދެއްކުން ސަރުކާރުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ.

