ރާއްޖެއަށް ޒިޔާރަތްކުރި އަޒަރުބައިޖާންގެ ވަފުދަށް ހާއްސަކޮށް ބައިލެޓްރަލް ކޮންސަލްޓޭޝަންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ ކަމަށްވާއިރު އަޒަރުބައިޖާންގެ ވަފުދުގައި އިސްކޮށް ހުންނެވީ އަޒަރުބައިޖާންގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ އެލްނޫރު މަމްމަޑޯވް އެވެ.
މިއަދު މެންދުރު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި މަޝްވަރާތަކުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޑެޕިއުޓީ ފޮރިން މިނިސްޓަރު އެލްނޫރު މަމްމަޑޯވް ވަނީ ކޯޕަރޭޓް ޕްރޮގްރާމާއި ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ވެފައިވާ މުހިންމު އެއްބަސްވުންތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ސީ.އޯ.ޕީ.29 ގައި ބައިވެރިވެވަޑައިގަތުމަށް ބާކޫއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގެ ފޮލޯއަޕްގެ ގޮތުން ޒިޔާރަތްކުރެއްވި ވަފުދެކެވެ.
އަޒަރުބައިޖާނަށް ޒިޔާރަތްކުރައްވާ މަތީ ފަންތީގެ ވަފުދަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކި ދާއިރާތަކުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދައްކާލުމުގެ މަގްސަދުގައި އިންފޮމޭޝަން ފޯރަމެއް ކާމިޔާބުކަމާއެކު ބާއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ފޯރަމަކީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 އިން 16 އަށް ވަފުދުން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މި ޕްރެޒެންޓޭޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސެކްޓަރ ސްޕެސިފިކް އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ދާއިރާއިންނެވެ.