ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަންސް ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި މުސްތަޤްބަލުގައި ހުޅުވާލެވިފައިވާ އަދި ދެމިގެންދާ ގޮތަށް މަޝްވަރާތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ.
ޚާރިޖީ ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އެއްބަސްވުމުގެ ދަށުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ދެ ޤައުމުގެ ދާއިމީ މިޝަންތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ އެމްބަސީތައް ގުޅިގެން، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ގާތުން މަސައްކަތްކުރުމަށްވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
މީގެ އިތުރުން، ދެ ޤައުމަށް ޙައްސާސް ކަންކަމުގައި މަޝްވަރާކުރުމަށް ޖޮއިންޓް ވަރކިންގ ގްރޫޕްތައް އެކުލަވާލުމަށްވެސް މި އެއްބަސްވުމުން މަގުފަހިވާނެކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވަނީ މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވިފައިވަނީ 22 މާރިޗު 1994 ގައި ކަމަށްވުމެވެ.

