ރައީސް ޑރ. މުޢިއްޒު ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހައި ޅެންވެރިންނަށް އަރިސްކޮށްފިއެވެ.
‘އެކްސް’ ގައި ޅެންވެރިންގެ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހައި ޅެންވެރީންނަށް ނުހަނު އިޚްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮ އެދުން ރައްދުކުރާ ކަމަށެވެ.
“ޅެންވެރީންގެ ޝުޢޫރުތަކުން ދަރީންގެ ތަރުބިއްޔަތަށް މަގު ދައްކަވައިދެއްވާށެވެ! ޤައުމީ ލޯބި އިތުރުކޮށްދެއްވާށެވެ! މަތިވެރި އަޚްލާޤު ދިރުވައި އާލާކޮށްދެއްވާށެވެ!” ރައީސްގެ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްސީސްކުރައްވާފައިވަނީ ދިވެހިބަހުގެ އުސްތާޛު، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤު، އެންމެން ލޯބިވާ ސޯދުބެއަށެވެ. ސޯދުބެއަކީ ތަފާތު ވަޒަންތަކަށް، އެކި މަޢުޟޫތަކަށް މޮޅެތި ޅެންތަކެއް ހައްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޅެންބަހުރުވައިގައި ވައިގައި ހިފާފައިވާ ރީތިކަމާއި ފަށުވިކަން ފެންނަން އެބަހުއްޓެވެ.