ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުން ހާމަވެގެން ދިޔައީ، އެޤައުމުން ރާއްޖެއާމެދު އޮންނަ ގާތް ގުޅުން އިތުރަށް ފުޅާކޮށް ބޭއްވުމަށް ބޭނުންވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެސްޓޯނިއާގައި ހުންނަވައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއިން ތަފާތު އެކި ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާ ކަމަށާއި، ދިވެހިންނަށް އެހީތެރިވާ ޤައުމުތަކާއެކު ކުރިއަށްދިއުމަށް ޚާއްޞަ އިސްކަންދެއްވާ ކަމަށެވެ. މިގޮތުން އެސްޓޯނިއާއާއެކު އޮތް ގުޅުންވެސް އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށާއި، އެޤައުމަކީ ރާއްޖެއަށް ފައިދާކުރާނެ އެންމެ މުހިންމު ދާއިރާތަކުން އެހީތެރިވެވޭނެ އެއް ޤައުމުކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދުގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދުގެ ގޮތުގައި ހެދުމަށް ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތު ފާހަގަކުރައްވަމުން ވަޒީރު ވަނީ އެސްޓޯނިއާއިން ރާއްޖޭގެ ޑިޖިޓަލް ނިޒާމު ކުރިއަރުވަން އެހީތެރިވެދޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށްވެސް ވިދާޅުވެފައެވެ. އެސްޓޯނިއާއަކީ ދުނިޔޭގައި ޑިޖިޓަލް ނިޒާމު އެންމެ ކުރިއަރާފައިވާ އެއްޤައުމެވެ. ސަރުކާރުގެ ސައްތައިންސައްތަ ޚިދުމަތް ފޯރުކޮށްދެނީ ޑިޖިޓަލް ނިޒާމުގެތެރެއިންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެފަދައިން ރާއްޖޭގައިވެސް ޑިޖިޓަލް ނިޒާމު ޤާއިމުކުރެވިއްޖެނަމަ އިޤްތިޞާދީގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.
ޑިޖިޓަލް ވަސީލަތުގެ ދާއިރާގެ ގުޅުމުގެ އިތުރުން ރާއްޖެއާއި އެސްޓޯނިއާއަކީ ކުޑަ ދެ ޤައުމުގެ ގޮތުގައި އޮވެ، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި ގުޅިގެން މަސައްކަތްކުރެވޭނެކަން މިދަތުރުފުޅުން ހާމަވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޚާއްޞަކޮށް މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ކުރިއަށްދިއުމުގެ އުސޫލުތަކާއި ސިޔާސަތުތަކުގައި ރާއްޖެއާއި އެސްޓޯނިއާގެ ވަރަށް އެއްގޮތް ސިފަތަކެއް އެބަހުރިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

