ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުވާނަމަ ދިވެހިންނަށް ކުރިއެރުން ލިބޭ ކޮންމެ މަގަކުން ކުރިއަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ އެސްޓޯނިއާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަވަށްޓެރި ޤައުމުތަކަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިންކަމަށެވެ. އަދި ދިވެހިންނަށް އިސްކަން ލިބޭ އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުވާނަމަ ޤައުމަށް ފައިދާވާ ހުރިހާ މަގުތަކެއް ބަލަން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަވަށްޓެރިން ވަރަށް މުހިންމުވާނެ އަޅުގަނޑުމެންނަށް އިނގޭތޯ. އެހަގީގަތެއް ބަދަލެއް ނުވާނެ. އަވަށްޓެރިންނަކީ އަޅުގަނޑުމެންގެ އެންމެ ގާތް ރަހުމަތްތެރިން. އެކަން އެހެންއޮވެމެ އެބަޖެހޭ އަޅުގަނޑު ޤަބޫލްކުރާގޮތުގައި ދިވެހިންނަށް އެންމެފައިދާވާ ހުރިހާ މަގެއް ފަހިކުރަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި މެނިފެސްޓޯގައި އިޢުލާންކޮށްފައިވާ ވިޝަން ހާސިލްކުރަން ބޭނުންފުޅުވާކަމަށެވެ. އަދި އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަގަށް ވާޞިލްވުމަށްޓަކައި އެޤައުމުގެ ރައީސާއި އެކި އިދާރާތަކުން އެއްބާރުލުން ލިބިވަޑައިގެންނެވިކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވީ އަވަށްޓެރި ޤައުމުތަކުގެ އިތުރަށް އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ ދިވެހިންނަށް ފައިދާ ހޯދާދިނުން ކަމަށާއި ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭ ކޮންމެ މަގަކުން ކުރިއަށް ދިޔުމަށް ހުރިހާ ޤައުމުތަކެއްވެސް މުހިންމުކަމަށެވެ.
މި ބަސްދީގަތުމުން އެނގިގެންދަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމާއެކު، ދިވެހިންގެ ކުރިއެރުމަށް ބޭނުންވާ ހުރިހާ މަގުތަކެއް ތަނަވަސްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަމެވެ. އަދި މިކަމަށްޓަކައި އަވަށްޓެރި ޤައުމުތަކާއި އެހެނިހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދެއްވާކަމެވެ.

