ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލައްވާ ރޭ މާލެ ވަޑައިގެންފިއެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް މުއިއްޒު އެސްޓޯނިއާއަށް ވަޑައިގަތީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަރނަންސް ދާއިރާއިން އަދި މޫސުމާއި ތިމާވެށްޓާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާކުރުމެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކާރިސްގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި އުފެއްދުންތެރި ބައްދަލުވުންތަކެއް ބޭއްވުނު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، ޑިޖިޓަލައިޒޭޝަނާއި، ތިމާވެށްޓާއި، އަދި ސިޔާސީ މަޝްވަރާތަކާ ގުޅޭގޮތުން އެއްބަސްވުންތަކުގައިވެސް ސޮއިކުރެވުނެވެ.
އެސްޓޯނިއާއަކީ ޑިޖިޓަލް ރޭންކިންގއަށް ބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ، ޓެކްނޮލޮޖީގެ ގޮތުން ޔޫރަޕްގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމެވެ. މި ދަތުރުފުޅުގައި ރާއްޖެއަށް މި ދާއިރާއިން ފައިދާހުރި ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
ރައީސް މުއިއްޒުގެ މި ތާރީޚީ ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ޚާއްޞަކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް ލިބޭނެ ފައިދާތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

