އިންޑިއާގެ އިސްލާމީ ވެރިކަމުގެ ތާރީޚުގައި، ތަފާތު ތާރީޚުވެރިން އެކި ގޮތްގޮތަށް ލިޔެފައިވާކަން ފާހަގަކުރެވެއެވެ. މި ލިޔުންތަކުގައި އެ ލިޔުއްވި ބޭފުޅުންގެ އަމިއްލަ ވިސްނުމާއި ޚިޔާލުތައް ވަރަށް ބޮޑަށް ހިމެނިފައިވާކަން ދިރާސާތަކުން ދައްކައެވެ. އަދި މި ދިރާސާތަކުގައި ކުދިކުދި ތަފާތުތަކެއް ހުރިކަންވެސް ފާހަގަކުރެވެއެވެ.
1607 ވަނަ އަހަރު، 14 އަހަރުގެ ޕްރިންސް ޚުއްރަމް (ފަހުން ޝާހު ޖަހާން) އާއި އަރްޖުމަންދް ބާނޯ ބޭގަމް (ފަހުން މުމްތާޒް މަޙަލް) އާ ބައްދަލުވެވަޑައިގަތެވެ. އެކަމަނާގެ ރީތިކަމުން ހައިރާންވެވަޑައިގަތް ޕްރިންސް ޚުއްރަމް، އެކަމަނާއާ ކައިވެނިކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގަތެވެ. އުމުރުފުޅުގެ ހަގުކަމުން އެވަގުތު ކައިވެނި ނުކުރެއްވި ނަމަވެސް، 5 އަހަރު ފަހުން 1612 ވަނަ އަހަރު އެ ދެ ލޯބިވެރިން ކައިވެނިކުރެއްވިއެވެ. މި ކައިވެނިފުޅަށްފަހު 1628 ވަނަ އަހަރު ޝާހު ޖަހާން މުޣަލް ސަލްޠަނަތުގެ ވެރިކަމަށް އިސްވެވަޑައިގަތެވެ. ޝާހު ޖަހާން އަނބިކަނބަލުންނަށް ‘ގަނޑުވަރުގެ މުތް’ މާނަކުރެވޭ ‘މުމްތާޒް މަޙަލް’ މި ލަޤަބު ދެއްވިއެވެ. ޝާހުޖަހާާންގެ އެހެން އަނބިކަނބައިން ތިއްބެވި ނަމަވެސް، އެ ހިތްޕުޅުގައި ޚާއްޞަ މަޤާމެއް ލިބިވަޑައިގެން ހުންނެވީ ހަމައެކަނި މުމްތާޒް މަޙަލްއެވެ.
ޝާހްޖަހާން އުޅުއްވީ ވެރިކަމުގައި ވަރަށް ބުރަކޮށެވެ. އަނބިކަނބަލުން އާލާސްވެ އޮންނެވިކަން އެނގިވަޑައިގެންނެވިއިރު މުމްތާޒުގެ ހާލުކޮޅު ވަރަށް ދެރައެވެ. މުމްތާޒު އެދިވަަޑައިގެންނެވީ ޝާހުޖަހާންގެ ވައުދުފުޅު ފުރިހަމަކުރެއްވުމަށެވެ. އެހެންނަމަވެސް މުމްތާޒު ދުނިޔޭގައި އިންނަވަނިކޮށް ތާޖުމަހަލް ބިނާ ނުކުރެވުނެވެ. މިހިސާބުން ދަރިދަރިކަލުން ވެރިކަމާ ތޮޅެން ފެށްޓެވީއެވެ. ޝާހުޖަހާނަށް ޚިޔާނަތްތެރިވެ އޮޅުވައިލައްވައި ވެރިކަން ބޭނުންފުޅުވެގެން ތަޚުތަށްޓަަކައި ފިނިހަނގުރާމައަކުން ކަނޑިހަނގުރާމައަކާ ހަމައަށް ކަންތައްތައް ބަދަލުވާން ފެށީއެވެ.

ޝާހުޖަހާނާއި މުމްތާޒު މަޙަލް ގެ ކުރެހުމެއް
މިހިސާބުން ދެން ކުރުގޮތަކަށް އިންޑިއާގެ ވެރިކަމުގެ ވާހަކަތަކަށް ބަލައިލާނަމެވެ……
މުޣަލް ދަރިކޮޅުގެ ހަވަނަ ރަސްކަލުން، އަބުލް މުޒާހަރ މުޙައްޔަދު ދީން މުޙައްމަދު އޯރަންގޒޭބަކީ ތާރީޚުގައި ގިނަ ބަހުސްތަކެއް ކުރެވިފައިވާ ރަސްކަލެކެވެ. 1657 ވަނަ އަހަރު އޭރުގެ ރަސްގެފާނު ޝާހްޖަހާންގެ ޞިއްޙީ ޙާލަތު ދަށްވެގެން ދިޔައެވެ. މީގެ ކުރިން، 1631 ވަނަ އަހަރު، ޝާހްޖަހާންގެ އެންމެ ލޯބިވެވަޑައިގަންނަވާ އަނބިކަނބަލުން މުމްތާޒް މަހަލް އަވަހާރަވެ ވަޑައިގަތުމާ ގުޅިގެން ޝާޚް ޖަހާންގެ ހާލު އިތުރަށް ގޯސްވެގެން ދިޔައެވެ.
ގިނަ ލިޔުންތަކުގައި ބުނެފައިވާ ގޮޔުގައި ޝާހްޖަހާންގެ އެންމެ ލޯބިވެތި ދަރިކަލުންނަކީ އޯރަންގޒޭބް އެވެ. ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ، އޯރަންގޒޭބްގެ ސިފަފުޅު މުމްތާޒުމަހަލްގެ ސިފަފުޅާ ވައްތަރުވުމެވެ.
އެހެން ހުރިހާ ދަރިކަލުންގެ ތެރެއިން އޯރަންގޒޭބް ހާއްސަވަނީ ކީއްވެގެންތޯ މުމްތާޒު ކުރެއްވި ސުވާލުގެ ޖަވާބެއްގެ ގޮތުގައި ޝާހްޖަހާން ވިދާޅުވީ “ކަމަނާގެ ދެލޯފުޅާ އޯރަންގޒޭބްގެ ދެލޯ ފުޅާ އެއްވެސް ތަފާތެއް ނުހުރޭ، އަޅުގަނޑަށް އޯރަންގޒޭބްގެ ލޯފުޅުންނާއި މޫނުފުޅުން ކަމަނާގެ ވިދުވަރު ފެނެއެވެ.” ސިފަފުޅު ވައްތަރުވީ ނަމަވެސް އޯރަންގޒޭބްގެ މިޒާޖާއި ވިސްނުންފުޅާއި ދިރިއުޅުއްވުމުގެ ވައްޓަފާޅިއާއި ވާހަކަފުޅު ދެއްކުމާއި މިއިން އެއްވެސް ސިފަފުޅެއް ވައްތަރެއްނޫނެވެ. މުމްތާޒުމަހަލްގެ ހިމޭން މިޒާޖުފުޅާއި އަނެކުންނަށް އިހުތިރާމާއި ގަދަރު ކުރެއްވުންފަދަ ހުރިހާ މާތްސިފަފުޅުތަކަކީ އޯރަންގޒޭބް ހިތްޕުޅާ ވާ ކަންކަމެއް ވެސް ނޫނެވެ.
ޝާޚް ޖަހާންގެ ދަރިންގެ ތެރެއިން، އެންމެ ބޮޑަށް ބޭނުންފުޅުވީ އެންމެ ދޮށީ ދަރިކަލުން ދާރާ ވެރިކަމަށް ގެންނެވުމަށެވެ. ދާރާއަކީ ދުނިޔަވީ އުފާތަކަށް ލޯބިކުރައްވާ ބޭފުޅެކެވެ. ޝުޖާއަކީ ދެވަނައަށް އެންމެ ދޮށީ ދަރިކަލުންނެވެ. އަދި އޯރަންޒޭބަކީ މުމްތާޒްގެ ތިންވަނަ ދަރިކަލުންނެވެ. އޯރަންގޒޭބަކީ ދާރާއާ ވަރަށް ތަފާތު ޝަޚްޞިއްޔަތެއްގެ ބޭފުޅެކެވެ. އޭނާ މަސައްކަތް ކުރެއްވީ އެންމެ ހަގު ދަރިކަލުން މުރާދު ވެރިކަމަށް ގެންނެވުމަށެވެ.

އޯރަންގްޒޭބް ގެ ކުރެހުމެއް/ ފޮޓޯ: ފްލާޔާރ
އޯރަންގްޒޭބް ވެރިކަން ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރިއެވެ. 1658 ވަނަ އަހަރު، ޝާޖަހާންގެ ޝަރުޢީ ވާރިސް މުރާދު އަދި އޯރަންގްޒޭބްގެ ލަޝްކަރު އާގްރާއަށް ޒިޔާރަތްކުރިއެވެ. މިއީ ޝާހްޖަހާންގެ ސިއްހީ ހާލަތު ރަނގަޅުވަމުން އައި ދުވަސްވަރެކެވެ. އެދުވަސްވަރު ވަގުތީގޮތުން ވެރިކަމުގައި ހުރި އެންމެ ދޮށީ ދަރިކަލުން ދާރާ، ޝާހްޖަހާންގެ ހާލު ރަނގަޅުވުމުން ވެރިކަން އަނބުރާ ރައްދުކުރަން އިންކާރުކުރިއެވެ.

މުމްތާޒުގެ ލޯފުޅުން އޮހޮރުނު ކަރުނަފޮދުން މި ތާޖުމަހަލަށް މުތާއި އަލިމަހުގެ ވިދުންގެނުވި ކަމަށްޝާއިރުން ޅެންތަކުގައި ބުނޭ/ ފޮޓޯ:ޝަޓަސްޓޮކް
މިކަމުގެ ސަބަބުން އޯރަންގްޒޭބް އަދި މުރާދުގެ ލަޝްކަރާއި ޝުޖާގެ ލަޝްކަރު އެއްވެ، ދާރާއާ ދެކޮޅަށް ހަނގުރާމަ ފެށިއެވެ. މިހަނގުރާމައިގައި ދާރާ ބަލިވެ، އާގްރާގެ އުތުރަށް ފިލިއެވެ. ނަމަވެސް، ބަލޫޗީ ކިޔުނު ވެރިއެއްގެ ޚިޔާނާތުގެ ސަބަބުން ދާރާ ހައްޔަރުކުރެވި، 1659 ވަނަ އަހަރު އާގްރާއަށް ގެނެވުނެވެ. އޭގެފަހުން، އިސްލާމްދީނުން ބޭރުވުމުގެ ތުހުމަތުގައި އޯރަންގްޒޭބްގެ އަމުރަށް ދާރާގެ ބޯ ބުރިކޮށް، އެބޯ އެމީހުންގެ ބައްޕަ ޝާޖަހާންއަށް ވެދުމަށް ްއެރުވިއެވެ.
ޝާހްޖަހާންގެ ދެވަނައަށް އެންމެ ދޮށީ ދަރިކަލުން ބަރުމާއަށް ފިލައިގެން ގޮސް، އެތަނުގައި ދިރިއުޅެމުންދަނިކޮށް މަރާލެވުނެވެ. އޭގެފަހުން އޯރަންގްޒޭބް ވެރިކަމުގެ އެންމެ އިސްފަރާތަކަށްވިއެވެ. އޯރަންގްޒޭބްއާ އެކުގައި ހުރި ޝާހުޖަހާންގެ އެންމެ ހަގު ދަރިކަލުން މުރާދުވެސް ގަތުލުކުރެވުނެވެ. މުރާދު މަރާލެވުނީ 1661 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި ބައްޕާފުޅުރަސްގެފާނު ޝާހްޖަހާންވެސް ބަންދުގައި ބެހެއްޓުނެވެ.

އޯރަންގްޒޭބް ގެ އޭއައި ކުރެހުމެއް/ ފޮޓޯ: ފްލާޔާރ
އައުރަންގްޒޭބްގެ ބައްޕާފުޅު، ޝާހްޖަހާން، އަވަހާރަވަންދެން ބޭއްވީ ޤައިދުޚާނާގައެވެ. ޝާހްޖަހާން މިގޮތަށް ހައްޔަރުކުރެވުނީ މީލާދީން 1666 ވަނަ އަހަރުގައެވެ. އާދޭސްކުރައްވައި ކީރިތިކުރައްވަމުން ޝާހުޖަހާން އެދިވަޑައިގެންނެވީ އެންމެ ކަމެއް ކޮށްދެއްވުމަށެވެ.
އެދުވަސްވަރަކީ ތާޖުމަހަލް ބިނާ ކުރެވެމުން އައި ދުވަސްވަރުކަމަށްވާތީ، ހަމަލޯފުޅުން ތާޖުމަހަލް ބައްލަވައިލެއްވުމަށް އެދިވަޑައިގެން ޝާހުޖަހާން އާދޭސް ކުރެއްވުމުން، އޯރަންގޒޭބްގެ އަމުރުފުޅަށް ޤައިދުޚާނާގެ ފާރުން ކުޑަ ވަރެއްގެ ބާގަނޑެއް ހެދުނު ކަމަށްވެއެވެ. ބަލިކޮށް އޮންނެވި ދުވަސްވަރު، ޝާހްޖަހާންގެ ލޯފުޅު ހުއްޓިފައި ހުރީ އެ ބާގަނޑުން ފެންނަ ތާޖުމަހަލްއަށެވެ.

ތާޖުމަހަލްގެ ތަސްވީރުތަކުން / ފޮޓޯ ؛ ފްލިކަރ
އެއީ އޭނާގެ ދަރިކަލުން އޯރަންގްޒޭބްގެ ވެރިކަމުގެ ދުވަސްވަރެވެ. ބުނެވޭ ގޮތުގައި ކީރިތިކުރައްވަމުން ގޮސް ޝާހުޖަހާންގެ ލޯފުޅު އަނދިރިވީއެވެ. އަދި މި ނިކަމެތި ޙާލުގައި ބައްޕާފުޅު އޮންނެވިއިރު އޯރަންގޒޭބް އެންމެ ފަހަރަކުވެސް ޒިޔާރަތެއް ނުކުރައްވައެވެ. އަދި އަވަހާރަވުމުން އެންމެފަހުގެ ސަލާން ކުރައްވާކަށްވެސް ވަޑައިނުގަންނަވައެވެ. އަދި އެއްވެސް ރަސްމެއް އަދާ ނުކުރައްވައެވެ. ޝާހުޖަހާން ފަދަ ރަސްކަލަކު ވަޅުލެވުނީ އެއްވެސް ޝާހީކަމެއް ނެތި އާދައިގެ ގޮތަކަށް އަނބިކަނބަލުން މުމްތާޒުމަހަލްގެ މަހާނައާ ޖެހިގެން ކައިރީގައވެ.
އޯރަންގްޒޭބް އިންޑިއާގެ ވެރިކަމުގައި 48 އަހަރު ހޭދަކުރެއްވިއެވެ. އޭނާގެ ވެރިކަމުގައި އަނިޔާވެރިކަމާއި ހަމަނުޖެހުން އާންމުވެގެން ދިޔައެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރެއްވިއެވެ. އެއްވެސް ލުޔެއް ނުދެއްވައެވެ. ދީނީ ކަންކަމަށް އިސްކަންދެއްވާ ބޭކަލަކަށްވުމާއެކު، މިއުޒިކާއި ލަވަކިޔުން ވެސް މަނާކުރެއްވިއެވެ.

އިންޑިޔާގައި އިސްލާމީވެރިންގެ ތެރެއިން އެންމެ އަނިޔާވެރި އެންމެ ނަފުރަތު ލިބިގެންވާ އޯރަންގޒޭބް
1668 ވަނަ އަހަރު، ހިންދޫންނާއި މުސްލިމުންނާއި އެހެނިހެން އިންޑިއާގެ ރައްޔިތުންނަށް މިއުޒިކް އިވުމާއި މިއުޒިކް އާލާތްތައް ބޭނުންކުރުން މަނާކުރެވުނެވެ. މިއީ އިންޑިއާގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. މީގެއިތުރުން، އޯރަންގްޒޭބްގެ އަމުރުފުޅަށް ގިނަ ހިންދޫ މަންދިރުތަކެއް ވަނީ ތަޅާލެވިފައެވެ. އަދި ކްރިސްޓިއަން ދީން ފަތުރާ މީހުން އަޅުންގެ ގޮތުގައި ހެދުމަށް އަމުރުކުރެއްވިއެވެ. އޭނާގެ ވެރިކަމުގައި މުޣަލް ސަލްޠަނަތުގެ ބާރު އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ގެންގުޅުއްވި ހަރުކަށި ދީނީ ސިޔާސަތުގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ.
އިންޑިއާގެ ދެކުނު ސަރަހައްދުގެ މައި ލަޝްކަރަކީ މަރާޠާ ލަޝްކަރެވެ. މި ލަޝްކަރުގެ މީހުން އޯރަންގްޒޭބްގެ އިސްލާމީ ވިސްނުމާއި ސިޔާސަތުތަކާ ދެކޮޅު ނަމަވެސް، އެއްވެސް އިރެއްގައި އޭނާގެ އަމުރުފުޅުތަކާ ޚިލާފުވެ ޚިޔާނާތްތެރިވެފައެއް ނުވެއެވެ. އެހެންނަމަވެސް އޯރަންގްޒޭބް އަވަހާރަވުމަށްފަހު މުޣަލް ވެރިކަމާ ދެކޮޅަށް އިދިކޮޅު އަޑުތައް އުފުލިއެވެ.
އޯރަންގްޒޭބް ވެރިކަމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޕަޝްތޫން ދަރިކޮޅުގެ ބަޔަކު އޭނާގެ ވެރިކަމާ ދެކޮޅަށް ބަޣާވާތްތެރިވުމުންނެވެ. މި ބަޣާވާތް ފެށުނީ އައުރަންގްޒޭބްގެ ގަވަރުނަރެއް ޕަޝްތޫން އާއިލާއެއްގެ އަންހެނަކަށް އަނިޔާވެރިވިކަމުގެ ތުހުމަތާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން މުޣަލް ވެރިކަމާ ދެކޮޅު ބޮޑު ހަނގުރާމައެއް ރޯވެގެން ދިޔައެވެ.
ޒަމާނުއްސުރެ މުޣަލް ވެރިކަމަށް އެންމެ ވަފާތެރި ޕަޝްތޫން ދަރިކޮޅުގެ މީހުން އޯރަންގްޒޭބްއާ ދެކޮޅަށް ތެދުވުމުގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާގެ އުތުރު ސަރަހައްދުގެ ބޯޑަރު ސަރަހައްދުތައް ބެލެހެއްޓުން އަފްޣާނިސްތާނާ ހަވާލުކުރަން ޖެހުނެވެ. މި ހަމަނުޖެހުމާ ގުޅިގެން އިންޑިއާގެ އުތުރުގައި އޯރަންގްޒޭބްގެ ބާރު ވަރަށް ބޮޑަށް ދަށްވެ، އެ ސަރަހައްދުގެ ވިޔަފާރި މުޢާމަލާތްތައް ވެސް ހުއްޓުމަކަށް އައެވެ.